ސިޔާސީ

އަންހެނުންގެ ކުރިއެރުމަށް ޕީޕީއެމުން އިސްކަންދޭނެ - ރައީސް


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ޢަދަދެއްގެ އަންހެން ބޭކަނބަލުން ނެރުއްވުމަށް ޕީޕީއެމުން ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމް ކެމްޕެއިން ލީޑަރުން ތަމްރީންކުރުމުގެ މަހާސިންތާގައި  ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސް މަޤާމުތަކާއި، ކުންފުނިތަކުގެ ކަންކަން ނިންމާ ލެވެލްގައި އަންހެނުންގެ ދައުރު ފުޅާކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ އިންތިޚާބަށް އަންހެން ޓީމް ލީޑަރުން އުފައްދަވާނެކަމަށެވެ. 

 ލޯކަލް ކައުންސިލް އިންތިކާބާއި، 2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަންހެން ބޭފުޅުން ނެރުއްވައި، ހޮއްވެވުމަށް މަސައްކަތް ކުރުމަށް މަންދޫބުންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފައިވެއެވެ. މިހާރު ކުރިއަށްދާ މަހާސިންތާގެ ތެރެއިން މަންދޫބުން މިކަމަށް ޚާއްސަ އިސްކަމެއް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ދެން ބާއްވަވާ ޕީޕީއެމް ކެމްޕެއިން ލީޑަރުން ތަމްރީންކުރުމުގެ މަހާސިންތާ އަންހެނުންނަށް ޚާއްސަކުރެއްވުމަށް މަހާސިންތާ އިންތިޒާމް ކުރައްވާ ފަރާތްތަކުން ވިސްނާވަޑައިގަތުމަށް ރައީސް ޔާމީން ވަނީ އިލްތިމާސްކުރައްވާފައިއެވެ. ރައީސް ޔާމީން ވިދަޅުވީ، ކެމްޕެއިން ލީޑަރުން ތަމްރީން ކުރައްވާއިރު، ކުރިއަށް އޮތްތަނުގައި އަލަށް އަށާރަ އަހަރު ފުރޭ ޒުވާން ކުދިންނަށް އިސްކަންދެއްވައިގެން މަހާސިންތާއެއް ބާއްވަވާ، ޒުވާން ލީޑަރުން ތަމްރީން ކުރެއްވުމަށް އިސްކަން ދެއްވާނެކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީންގެ ކެމްޕޭނަށް ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައިއެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބަޖެޓު ފާސްކުރެއްވި އިރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބަވައިގެން ފާސްކުރެއްވި ހުރިހާ ބަޖެޓަކަށް ވޯޓު ދެއްވާފައިވާކަމަށް ވިދާޅުވިއެވެ. 

އެ ތިން އަހަރުވެސް ބޮޑެތި ބަޖެޓްތައް ފާސްކުރައްވައިގެން ރައްޔިތުންގެ ފައިދާއަށް ހޭދަ ކުރެވިފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ހިނގަމުންދާ ސަރުކާރުގެ ބަޖެޓަށް މަޖިލީހުގެ މެމްބަރުން ވޯޓު ނުދެއްވުމަކީ ސަރުކާރަށް ދަތިކުރުން ނޫންކަމަށާއި، އެއީ ރައްޔިތުންނަށް ދަތިކުރުންކަމަށެވެ. މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ އެއްވެސް މެމްބަރަކު ބަޖެޓަށް ވޯޓު ދެއްވާފައި ނުވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެ މެމްބަރުންގެ ދާއިރާއަށް ކިތަންމެ ގިނަ މަޝްރޫޢުތަކެއް ހިމަނުއްވާފައިވަނިކޮށްވެސް ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވާފައި ނުވާތީ، އެދާއިރާތަކަށް ސަރުކާރުން ކަމެއް ނުކޮށްދޭ ވާހަކަ ދެންނެވެން ނޯންނާނެކަމަށެވެ. އެހެންނަމަވެސް ވަކި ދާއިރާއަށް ބެއްލެވެމެއްނެތި ސަރުކާރުން މަޝްރޫޢުތައް ހިންގަވަމުން ގެންދަވާކަމަށް ރައިސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ލީޑަރުން ތަމްރީން ކުރުމުގެ މަހާސިންތާގެ ބައިވެރިން، އިންތިޚާބުތަކުގައި ކެމްޕެއިން ކުރުމުގައި އިސްކަން ދެއްވަންވީ ދާއިރާތަކާއި، ގޮތްތަކާއި ގުޅޭގޮތުން ރައީސް ޔާމީން ވަނީ މަހާސިންތާގެ މަންދޫބުންނަށް މަޢުލޫމާތު ދެއްވަވާފައެވެ.