މުނިފޫހިފިލުވުން

އަމިއްލަ ރާގުގެ ލަވަތަކުން އައިޑަލް ޝޯވއަށް އިތުރު ފުރިހަމަކަމެއް


ދިވެހިންގެ ތެރޭގައި މަޝްޙޫރުވެގެންދިޔަ އަމިއްލަ ރާގުގެ ރީތި ލަވަތަކަކާއެކު މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 4 ވަނަ ޝޯވ މިރޭ ދައްކައިފިއެވެ.

މިރޭގެ ޝޯވގައި މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގައި ވާދަކުރާ ގަދަ 9 ބައިވެރިންގެ ވަކި ވަކި ހުށައެޅުންތަށް ފެނިގެންގޮސްފައިވާއިރު، މިރޭގެ ޝޯވގައިވެސް ލަވަ ހުށައަޅައިދިން ބައިވެރިންގެ ތެރެއިން، ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މިރޭ ޝޯވ ދެއްކި ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށެވެ.

އެގޮތުން ބެލުންތެރިންނަށް އެންމެ ކަމުދާ ހުށައެޅުމެއް ހުށައަޅައިދިން ބައިވެރިއަކަށް  އެސް.އެމް.އެސް ކުރެވުމަށް MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް، އެ ބައިވެރިއެއްގެ ނަން ޖެހުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ. މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށްދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 4 ވަނަ ޝޯވ މިރޭ ދައްކާފައިވާއިރު، މިރޭގެ ޝޯވގައި ބައިވެރިން ހުށައަޅާދީފައި ވަނީ ދިވެހިންގެ ތެރޭގައި މަޝްޙޫރުވެގެންދިޔަ އަމިއްލަ ރާގުގެ ހިތްގައިމު ލަވަތަކެކެވެ.

މިރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ޝޯވއަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުމަށް ބާއްވާ ޝޯވ، މާދަމާ ރޭ 10:30 ޓީ.ވީ.އެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ތާވަލްކުރެވިފައި ވާގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުއެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިހާރު ތާވަލްކުރެވިފައިވާގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުއެވެ.