މުނިފޫހިފިލުވުން

ގާލާ ރައުންޑުގެ 4 ވަނަ ޝޯވ މިރޭ


ވާދަވެރި ހުށައެޅުންތަކަކާއި އެކު "މޯލްޑިވިއަން އައިޑަލް"ގެ ގަދަ 9 ބައިވެރިންގެ ހުށައެޅުން މިރޭ ފެނިގެންދާނެއެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލް ގާލަ ރައުންޑުގެ 4 ވަނަ ޝޯވ އޮންނާނީ މިރޭ 10:30 ގައެވެ. މިރޭގެ ޝޯވގައި ގަދަ 9 ބައިވެރިންގެ ވަކިވަކި ހުށައެޅުން ބެލުންތެރިންނަށް ފެނިގެންދާނެއެވެ. މިރޭވެސް ޝޯވ ދައްކާ ވަގުތުން ފެށިގެން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށް އެސް.އެމް.އެސް ކުރެއްވޭނެއެވެ.

އެގޮތުން އެސް.އެމް.އެސް ކުރެއްވުމުގެ ފުރުސަތު މިރޭގެ ޝޯވދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލެވިފައިއެވެ. ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަ ވެގެން ފޮނުވޭނީ 50 އެސް.އެމް.އެސް އެވެ.

މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

ގަދަ 12 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ޝޯވތައް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 3 ބައިވެރިއަކު ވަނީ މި ޝޯވއިން ވަކިވެފައިއެވެ. އެ 3 ބައިވެރިންނަކީ، މުހައްމަދު އިފްހާމް އަޝްފާޤު، ފާތުމަތު ނައްބަތު އަދި އަހުމަދު ނަޒީޙެވެ. ގާލާ ރައުންޑުގެ ޝޯވތަކުގައި ބައިވެރިން ލަވަ ހުށައަޅާފައިވަނީ ކޮންމެ ހަފްތާއަކަށްވެސް ކަނޑައަޅާ ވަކި ތީމަކަށެވެ. އެގޮތުން ގާލާ ރައުންޑުގެ ފުރަތަމަ ޝޯވގައި އެ ބައިވެރިއަކަށް އެންމެ ރީތި ލަވަ ހުށައަޅާދީފައިވާއިރު، ދެވަނަ ޝޯވގައި ބައިވެރިންގެ ފަރާތުން ފެނިގެންގޮސްފައިވަނީ 1980ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި މަޝްޙޫރުވެގެން ދިޔަ ހިތްގައިމު ރީތި ލަވަތަކެވެ. އަދި 3 ވަނަ ޝޯވ ޚާއްސަ ކޮށްފައިވަނީ ދިވެހި ފިލްމުތަކުގައި ހިމެނޭ ލަވަތަކަށެވެ.

މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ.

މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް އެޗްޑީކޮށް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.