ޚަބަރު

ކެއާރ ސޮސައިޓީގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި


ކެއަރ ސޮސައިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ހުރެ، އެ ތަނުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ކެއާރ ސޮސައިޓީގެ ޗެއާރޕާސަން ވިދާޅުވެއްޖެއެވެ.

ކެއާރ ސޮސައިޓީގެ ޗެއާރޕާސަން އަބްދުލް ޙަމީދު އަލީ މިހެން ވިދާޅުވީ، ކެއާރ ސޮސައިޓީގެ 17 ވަަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޙަމީދު ވިދާޅުވީ، ފާއިތުވި އަހަރަކީ ކެއާރ ސޮސައިޓީއަށް މާލީ ގޮތުންނާއި އިދާރީ ގޮތުންވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށެވެ. އެގޮތުން ކެއާރ ސޮސައިޓީ ކުރިން ހިންގި އިމާރާތުން ބަދަލުވެ، މިހާރު ހިންގަމުން އަންނަ އިމާރާތުގައި ޖާގައިގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާކަން ހަމީދު ފާހަގަކުރެއްވިއެވެ. ހަމީދު ވިދާޅުވީ، ކެއާރ ސޮސައިޓީ ކުރިން ހިންގި އިމާރާތުގައި 30 ކުދިންނަށް ތަޢުލީމު ފޯރުކޮށްދެވުނު ކަމަށާއި އެހެންނަމަވެސް މިހާރު އެތަން ހިންގާ އިމާރާތުގައި ތައުލީމު ފޯރުކޮށްދެވެނީ 13 ކުދިންނަށް ކަމަށެވެ.

ސޯލްޓް ރެސްޓޯރެންޓުގައި ބޭއްވި ކެއާރ ސޮސައިޓީގެ އަހަރީ އާންމު ޖަލްސާގައި 2016 ވަނަ އަހަރު ކެއާރ ސޮސައިޓީގެ އެގްޒެގެޓިވް ބޯޑަށް މެންބަރުން އިންތިޚާބުކޮށްފައިވެއެވެ. އެ ގޮތުން އެގްޒެގެޓިވް ބޯޑުގެ ޗެއާރޕާސަނަކަށް އިންތިޚާބްކޮށްފައިވަނީ މިހާރު ވެސް ކެއާރ ސޮސައިޓީގެ ޗެއާރޕާސަނަކަށް ހުންނެވި އަބްދުލް ޙަމީދު އަލީއެވެ. ވައިސް ޗެއާރޕާސަނަކަށް އިންތިޚާބްކޮށްފައިވަނީ ކުރިންވެސް އެމަޤާމުގައި ހުންނެވި އިސްމާއިލް އަދުޙަމެވެ. އަދި ސެކެޓްރީ ޖެނެރަލަކަށް ފާތިމަތު ލިއުޝާ އިންތިޚާބްކޮށްފައިވާއިރު އެގްޒެގެޓިވް މެންބަރުންގެ ގޮތުގައި ޖީޙާން މަހްމޫދާއި، އަޙުމަދު ޝާޙިދު ވަނީ އިންތިޚާބްކޮށްފައެވެ.

މީގެ އިތުރުން ކެއާރ ސޮސައިޓީގެ ހިންގާ ޤަވާއިދަށް ބައެއް އިސްލާޙު ގެނެސްފައިވެއެވެ. ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި އެޖަމްއިއްޔާގެ އަހަރީ ރިޕޯޓާއި، މާލީ ރިޕޯޓް ހުށައަޅާފައިވެއެވެ. މީގެ އިތުރުން ކެއަރ ސޮސައިޓީއަށް އެކި ގޮތް ގޮތުން ޚިދުމަތް ކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައިވާއިރު، އެ ޖަމްއިއްޔާގެ އެމްބެސެޑަރެއްގެ ގޮތުގައި މުއީނާ މުޙައްމަދު ހަމަޖައްސާ އޭނާއަށް ވަނީ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ. މުއީނާ މުޙައްމަދަކީ ކުޅިވަރާ ކަސްރަތުގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ.

މި ޖަލްސާގައި ކެއާރ ސޮސައިޓީގެ ވެބްސައިޓު ލޯންޗުކޮށްފައިވެއެވެ. 1998 ވަނަ އަހަރު އުފެދުނު ކެއާރ ސޮސައިޓީއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމް އުނގަންނައިދީ، އެފަރާތްތަކުގެ ޙައްޤުޤައި މަސައްކަތްކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާކެވެ.