ކުޅިވަރު

ވޮލީއަށް ކޮށްދިން ޚިދުމަތް ކްލަބްތަކުން ބަލައި ގަނެފި - ރިޔާ


މިދިޔަ ދެ އަހަރު ވޮލީއަށް ކޮށްދިން މަސައްކަތް ކުލަބްތަކުން ބަލައިގަނެފައިވާކަމަށް މިހާރު ގަބޫލް ކުރެވިއްޖެކަމަށް މިއަދު ތިންވަނަ ދައުރަކަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިހާބްވި މުހައްމަދު ރިޔާޒު ވިދާޅުވެއްޖެއެވެ. 

ސްޓެލްކޯގެ ކޮންފަރެންސް ހޯލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވި މުހައްމަދު ރިޔާޒާއި މުހައްމަދު ނަޝީދު (ކާނަލް) އަދި ނައިބް ރައީސްގެ މަގާމަށް ކުރިމަތިލެއްވި އިލްޔާސްއާ އިއްޒަތު ވަހީދަށް ލިބުނީ 8 ވޯޓެވެ. މި ދެ މަގާމްއަށްވެސް ބޭފުޅުން އިންތިޙާބްކޮށްފައިވަނީ ދެވަނަ ބުރުގައިވެސް ވޯޓް އެއްވަރުވެ، ވޮލީބޯޅަ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގެ ދަށުން، މަގާމްތަކަށް މީހުން ކަނޑައެޅުމުގެ ފުރުސަތު އެގްޒެކެޓިވް ކޮމިޓީ އަށް ލިބިފައި އޮތުމުން އެކޮމިޓީއިން ނެގި ވޯޓުންނެވެ. މުހައްމަދު ރިޔާޒާއި އިލްޔާސް އިންތިހާބު ކާމިޔާބުކުރީ އެގްޒެކްޓިވް ކޮމިޓީގެ އަޤްލަބިއްޔަތުންނެވެ. 

އިންތިޙާބްއަށްފަހު ރިޔާޒް ވިދާޅުވީ ތިންވަނަ ދައުރަށް އިންތިހާބްވުމުން އެނގިގެން ގޮސްފައިވަނީ ވޮލީ އާއިލާއިން މިހާތަނަށް ކުރި މަސައްކަތް ބަލައިގަނެފައިވާކަން ކަމަށާއި، ވޮލީއަށްޓަކައި ކުރަމުންދާ މަސައްކަތަކީ އާންމުދަނީ ހޯދުމަށްޓަކައި ކުރާ މަސައްކަތެއްނޫންކަމަށެވެ. މިއީ ވޮލީއަށް ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުން ކުރާ މަސައްކަތެއްކަމަށް ތިންވަނަ ދައުރަކަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިހާބްވި މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.

"މިއިންތިޙާބަކީ އިދާރީ މަސައްކަތްތަކެއް ފުރިހަމަ ކުރުމުގެ ގޮތުން ކުރި މަސައްކަތަކެއް. އަޅުގަނޑުމެންނަށް މާކުރިންވެސް އިނގޭ އިންތިޙާބް ކާމިޔާބުކުރެވޭނެކަން. ވޮލީއަށް މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ، އިތުރު ހިއްވަރަކާއެކު ކުރިއަށް އޮތް ތިންވަނަ ދައުރުގައިވެސް މަސައްކަތް ކުރާނަން" ރިޔާޒް ވިދާޅުވިއެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ހަޒާންދާރުގެ މަގާމް ކާމިޔާބުކުރެއްވީ 16 ވޯޓާ އެކު އަހުމަދު ހުސެއިން (ދޮނާ)އެވެ. ބީޗް ވޮލީބޯޅަ ކޮމިޝަނަށް ކުރިމަތިލެއްވި މުހުޒާތު މުހައްމަދުއާ އަހުމަދު އިބްރާހިމް ވަނީ 16 ވޯޓާ އެކު އެ މަގާމަށް ހޮވިފައެވެ. ރޫލްސް ކޮމިޝަނަށް އިންތިހާބުވީ އަހުމަދު އަދީލް (ބޭބެ)އާ މުހައްމަދު ފައިސަލް އަދި އިސްމާއިލް ރިފާއު (ޗިޗޫ)އެވެ.