ކުޅިވަރު

ޤައުމީ ޓީމްގެ މުސްތަޤްބަލް ކޮލިފައިން މެޗުތަކުން ފެނިއްޖެ


ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ މުސްތަޤްބަލް މިރޭގެ މެޗުގައި ފެނިގެން ހިނގައްޖެކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހާރބާޓް ބުނެފިއެވެ.

ފީފާ ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ބޫޓާން އަތުން 4-1 ން މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ޤައުމީ ޓީމްގެ ކޯޗް ރިކީ ހާރބާޓް ބުނީ ދިވެހި ޓީމަކީ މުސްތަގްބަލް އޮތް ޓީމެއްކަން މުޅި ކޮލިފިކޭޝަންގައި ފެނިގެން ހިނގައްޖެކަމަށެވެ. ބޫޓާން މެޗުގެ ކުރީކޮޅު ދިވެހި ޓީމަށް އެންމެ ރަނގަޅަށް ނުކުޅެވުނުކަމަށާއި، ބޫޓާނުން މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށްވެސް ކޯޗު ބުންޏެވެ.

ދިވެހި ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އަލީ ސަމޫހް، ނާއިޒް ހަސަން، ހަމްޒާ މުހައްމަދު އަދި އަންސަރު އިބްރާހިމް ފަދަ ކުޅުންތެރިންނަކީ ޤައުމީ ޓީމްގެ މުސްތަޤްބަލްކަމަށާއި، އެކަން ކޮލިފައިންގައި އެ ކުޅުންތެރިން ކުޅުނު މެޗުތަކުން ސާބިތުވެގެން ހިނގައްޖެކަމަށް ކޯޗް ބުންޏެވެ. 

"މިއަދު މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ދެއްކުނު ކުޅުން އެހާ ރަނގަޅެއް ނޫން. މެޗުގެ ދެވަނަ ހާފްގައި ދިވެހި ޓީމްގެ އަސްލު ފެންވަރު ފެނުނު. ކޮލިފައިން މެޗުތަކުން ޤައުމީ ޓީމްގެ މުސްތަޤްބަލް ފެނިއްޖެ" ކޯޗް ރިކީ ހާރބާޓް ބުންޏެވެ.

ކޯޗް ރިކީ ހާރބާޓް ބުނީ އޭނާ ޤައުމީ ޓީމާއި ގުޅުނީ ދިގު މުއްދަތެއްގެ ޕްލޭނެއް ކާމިޔާބުކުރަންކަމަށާއި، މިހާރު އޭނާއަށް ކިޔާ ފާޑުކިޔުންތަކަށް އެއްވެސް ފަރުވާލެއްނެތްކަމަށެވެ. އޭނާގެ ޓާގެޓަކީ 2017 ގެ ސާފް ޗެމްޕިއަންޝިޕްކަމަށާއި، ކުރު މުއްދަތަކަށް އެއްވެސް ޓީމަކާއި އޭނާ ހަވާލުނުވާނެކަމަށެވެ.

މިރޭގެ މެޗަށްފަހު ބޫޓާންގެ ކޯޗް ޕެމާ ދޯޖީ ބުނީ މެޗުގައި އޭނާގެ ޓީމުން ބޭނުންވި ގޮތަށް ކުޅުނު ކަމަށާއި، މެޗުގައި ހަމައެކަނި ތަފާތަކަށްވީ ދިވެހި ކުޅުންތެރިންގެ ވަކިވަކި ހުނަރުކަމަށެވެ. ޓީމެއްގެ ގޮތުގައި ބޫޓާން މާ މޮޅަށް ކުޅުނު ކަމަށާއި، ދިވެހި ކުޅުންތެރިން މެޗުގެ ނަތީޖާ އަނބުރާލީ އިންޑިވިޖުއަލް ހުނަރު ބޭނުންކޮށްގެންކަމަށް އޭނާ ބުންޏެވެ.

ޕެމާ ދޯޖީ ބުނީ ބޫޓާން ފުޓްބޯޅަ ޓީމުން އަންނަނީ ކުރިއެރުންތަކެއް ހޯދަމުންކަމަށާއި، މިހާރު އެޓީމަކީ ސާކް ސަރަހައްދުގެ ޓީމުތަކުން ސަމާލުވާންޖެހޭވަރުގެ ޓީމެއްކަމަށް ގަބޫލުކުރާކަމަށެވެ.

"ބޫޓާން ޓީމުން އަންނަނީ ކުރިއެރުން ހޯދަމުން، އެކަން މިއަދުގެ މެޗުން ފެނިއްޖެ، ސާކްގެ ޓީމުތަކަށް ފައިޓްދެމުން ބޫޓާން އަންނަނީ، މިއަދުގެ މެޗުގައިވެސް ޓީމެއްގެ މެޗުގައި އެންމެ މޮޅަށް ކުޅުނީ ބޫޓާން" ޕެމާ ބުންޏެވެ.

ހަތަރެއް އެކަކުން ބޫޓާން އަތުން މޮޅުވި މެޗުގައި ދިވެހި ޓީމުގެ ލަނޑުތައް ޖަހައިދިނީ އަސަދުﷲ އަބްދުﷲ، އަލީ އަޝްފާގް އަދި ނާއިޒް ހަސަންއެވެ. މެޗުގައި އަޝްފާގް ދެ ގޯލް ކާމިޔާބުކުރިއެވެ. ބޫޓާން ޓީމްގެ ދެ ލަނޑު ޖަހައިދިނީ ޗެންޗޯ ޔެލްޝެން އަދި ޝެރިންގ ދޯޖީއެވެ.