ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކުރައްވާފައިވާ މާމިނގިލީ ކޯޓް އިސް މެޖިސްޓްރޭޓް އަޙުމަދު ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުއްލަވައިފިއެވެ.
ދައުލަތުން އަޙުމަދު ނިހާނުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުއްލަވާފައި މިވަނީ އެނާގެ މައްޗަށް އުފުއްލެވި ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހައްޓަން އުޅުމުގެ ކުށުގެ ދަޢުވާ އަންބުރާ ގެންދެވުމަށްފަހުގައެވެ.
ދައުލަތުން އަޙުމަދު ނިހާނުގެ މައްޗަށް އުފުއްލެވި ޓެރަރިޒަމްގެ ދަޢުވާގައި ވަނީ ފެބްރުއަރީ މަހުގެ ހަތްވަނަދުވަހުގެ ރޭ ދަންވަރު 2:45 އެހައިކަންހައިއިރު، މުޙްތާޒު މުޙްސިނާއި އިތުރު ބަޔަކާއެކު ލޯންޗެއްގައި އދ.މާމިގިއްޔަށް ގޮސް، ނިހާނާ ބައްދަލުކޮށްފައިވާކަމަށެވެ. އަދި މާމިގިލީ މެޖިސްޓްރޭޓް ކޯޓް ހުޅުވައި، އެތާނގައި މުހުތާޒު މުޙުސިން ދިން އީމެއިލްއަކަށް އެކޯޓުގެ ލެޕްޓޮފަކުން ވަދެ "މާފުށީ އަމުރު" މިނަމުގައިވާ ކޯޓު އަމުރެއް ކަމަށް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ޑައުންލޯޑްކޮށް، އެލިޔުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ނެރެފައިވާ އަމުރެއްކަމަށް ދައްކުވައިދޭ ގޮތަށް ލިޔުމެއް ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުވުމަށް ރާވައި އެކަން ކުރަން އުޅެފައިވާކަމަށެވެ.
ޓެރަރިޒަމްގެ ދަޢުވާގެ އިތުރުންވެސް ދައުލަތުން ނިހާންގެ މައްޗަށް 3 ދަޢުވާއެއް އުފުއްލަވާފައިވެއެވެ. އެއީ ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ޞައްޙަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމުގެ ދަޢުވާއާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ކުރުމުގެ ދަޢުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއެވެ. މި 3 ދަޢުވާއަށްވެސް އަހުމަދު ނިހާން ވަނީ އިންކާރުކުރައްވާފައެވެ.