ޚަބަރު

ސާކް ޕްރޮގްރާމިންގ ކޮމިޓީގެ 52 ވަނަ ބައްދަލުވުން ފަށައިފި


ސާކް ޕްރޮގްރާމިންގ ކޮމިޓީގެ 52 ވަނަ ބައްދަލުވުން ނޭޕާލްގެ ޕުކަރާގައި ފަށައިފިއެވެ.

2 ދުވަހުގެ މިބައްދަލްވުމުގައި ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކެޓްރީ ފަރްޒާނާ ޒާހިރާއެކު ޚާއްޞަ ވަފުދެއް ބައިވެރިވަމުންދާކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައެވެ.

މިބައްދަލުވުމުގެ މިއަދުގެ ދަންފަޅިތަކަށްފަހު މާދަމާ ސާކް މެންބަރު ޤައުމުތަކުގެ ފޮރިން ސެކެޓްރީގެ ޚާއްޞަ ބައްދަލްވުމެއް ބޭއްވުމަށް ރޭވިފައިވާކަމަށް ޚާރިޖިއްޔާއިން ވިދާޅުވެއެވެ. ދެދުވަހުގެ މިބައްދަލްވުންތަކުގެ ތެރެއިން ސާކްގެ ސަރަޙައްދީ ސެންޓަރުތަކާއި، ސާކްގެ ދަށުން ހިންގޭ ތަފާތު ގޮފިތަކުން ކުރާ މަސައްކަތްއް މުރާޖަޢާކޮށް، މަޝްވަރާކުރާނެކަމަށް ޚާރިޖިއްޔާއިން ވިދާޅުވިއެވެ.

މިގޮތުން ސާކް އޭޝިއަން ޔުނިވަރސިޓީއާއި، ސާކް ޑިވެލޮޕްމަންޓް ފަންޑް، ސާކް އާރބިޓްރޭޝަން ކައުންސިލް އަދި ސައުތް އޭޝިއަން ސްޓޭންޑަޑައިޒޭޝަން އޯގަނައިޒޭޝަން ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ސަރަޙައްދީ ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުންދީ، ދަނޑުވެރިކަމާއި ޢުމްރާނީ ތަރައްޤީ، ޓެރަރިޒަމާއި މަސްތުވާތަކެތީގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، މަޢުލޫމާތު ޙިއްޞާކުރުމާއި މީޑިއާގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުންވެސް މިބައްދަލްވުމުގެ ތެރޭގައި މަޝްވަރާތައް ކުރިޔަށްގެންދާނެ ކަމަށް ދިވެހި ޚާރިއްޖިއްޔާއިން ހާމަކުރައްވައެވެ.