ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޚްލާގް ރަނގަޅުކުރަން ޖެހޭ


މުޖުތަމަޢުގެ އަޚްލާޤިއްޔަތަށް ނުރަނގަޅު އަސަރަކެއް ނުކުރާނޭހެން އަބުރުވެރި، ޤަދަރުވެރި އަދި ޝަރުފުވެރި ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަމަލުތައް ބެހެއްޓެވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައްވައިފިއެވެ.

އެކޮމިޝަނުން މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ގޭތެރޭގައި މައިންބަފައިންނާއި ދަރިންނާ އެއްކޮށް ތިބެގެން ބަލަންނުކެރޭ ދަރަޖައަށް މަޖިލީހުގެ މެމްބަރުންގެ ޢަމަލުތައް ހުންނަކަމަށް ސިފަކުރައްވާފައެވެ. އަދި އެކަމާ ކަންބޮޑުވުން ހިއުމަން ރައިޓްސް ކޮމިޝަނުން ފާޅުކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެކި ކަންކަމާ ގުޅިގެން އުފެދޭ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން މެމްބަރުންގެ މެދުގައި ބަހުގެ ޙަމަލާތައް ބަދަލުކުރެވި ބޭ އަދަބީ ބަހުރުވައިން މުޢާމަލާތުކުރުމާއި އެއްބަޔަކު އަނެއް ބައެއްގެ އަބުރު ނަގާލައި އަދި ބައެއް ޙާލަތްތަކުގައި މާރާމާރީއަށް މަގުފައިވާ ދަރަޖައަށް ދެބަސްވުންތައް މަޖިލީހުގައި ބަދަލުވެގެންދާކަމީ ހިތާމަކުރައްވާ ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ބަޔާނުގައިވެއެވެ. އަދި މަޖިލީހުގައި ތިއްބެވި އަންހެން ކަނބަލުންގެ ޝަރަފާއި ކަރާމާތައް އުނިކަން ލިބޭގޮތަށް މަޖިލީހުގެ ތަޅުމުގައި ހިނގަމުންދާ ކަންކަމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ހިއުމަން ރައިޓްސް ކޮމިޝަންގެ ބަޔާނުގައިވެއެވެ. އަދި މިފަދަ ނޭދެވޭ ޢަމަލުތައް އިތުރުވަމުން ދިޔުމަކީ އަންހެނުން ބާރުވެރިކުރުވުމަށް ކުރެވޭ މަސައްކަތް ހިޔަނިއެޅި، ހީނަރުކަން ލިބިގެންދާކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ސިޔާސީ މައިދާނަށް އަންހެނުން ނުކުތުމަށް ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށްވެސް ހިއުންމަން ރައިޓް ކޮމިޝަންގެ ބަޔާނުގައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިފަދަ ބަޔާނެއް ނެއްރުއްވާފައި މިވަނީ ރައްޔިތުން މަޖިލީހުގެ ތޭރޭގައި އަންހެން މެންބަރުންނަށް ނިސްބަތްކޮށް ބޭ އިޙްތިރާމްކޮށް ވާހަކަދައްކަވާފައިވަނިކޮށެވެ.