ޚަބަރު

މާމިގިލީގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙުކުރައްވައިފި


އދ. މާމިގިލީގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙުކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލްޤައްޔޫމެވެ.

ފެނުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ދިމާވެފައިވާ މައްސަލައެކެވެ. ޚާއްޞަކޮށް ރައްރަށުގެ ފެންފަށަލަ ތަޣައްޔަރުވުމާ ގުޅިގެން ބޯން ބޭނުންކުރާ ފެން ބޭނުން ނުކުރެވޭވަރުވެފައިވާ ގިނަ ރަށްތަކެއް ރާއްޖޭގައި ވެއެވެ. މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާއިރު، މިއަދު މިވަނީ އދ. މާމިގިއްޔަށްވެސް ދިމާވެފައިވާ ފެނުގެ މައްސަލައަށް ޙައްލެއް ލިބިފައެވެ.

ގާތްގަނޑަކަށް ހަތަރުހާހެއްހާ މީހުން ދިރިއުޅޭ އ.ދ މާމިނގިލީގައި ހިންގި މި މަޝްރޫޢަށް 50 މިލިއަންނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށް މިނިސްޓްރީ އޮފް އެންވައިރަމަންޓް އެންޑް އެނާރޖީން ވިދާޅުވެއެވެ.

މި ޚިދުމަތް ތަޢާރަފްކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްލްޤައްޔޫމް ވަނީ މާމިގިއްޔަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ޙައްލެއް ގެންނެވުމަށް ސަރުކާރުން ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ރަސްމިއްތުގައި ރައީސް ވަނީ ކުރިއަށް އޮތް ތިން ހަތަރު މަސްދުވަހުގެ ތެރޭގައި އެރަށުގެ ނަރުދަމާގެ ޢަމަލީ މަސައްކަތްވެސް ފެށިގެންދާނެކަން އިޢުލާންކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން 40 ޓަނުގެ ޑީސެލިނޭޝަން 2 ޕްލާންޓް ބަހައްޓާފައިވާކަމަށް އެންވައިރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 80 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން މި ނިޒާމަށް ލިބިފައިވެއެވެ. މީގެ އިތުރުން މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް ފައްސަތޭކަ ޓަނުގެ ތާނގީއެއް ބަހައްޓާފައިވާ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި 24.6 ކިލޯމީޓަރު ދިގުމިނުގެ ފެން ވިއުގައެއް، މި މަޝްރޫޢުގެ ދަށުން ޤާއިމްކުރައްވާފައިވެއެވެ.

މި މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ވިއުގައެއް މާމިނގިލީގައި ޤާއިމްކުރައްވައި، 442 ފެންމީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ވަނީ ބަހައްޓާފައެވެ.

މި ރަސްމިއްޔާތުގައި އެންވައިރަންމަންޓް މިނިސްޓަރ ތާރިޤް އބްރާހީމް ވަނީ ފެން އުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމާއި، މާމިނގިލީގައި ހުރި ޤުދުރަތީ ވަޞީލަތްތައް އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭފެން ރައްކާކުރުމަށް ހަދާފައިވާ އެއްހާސް ޓަނުގެ ތާނގީއަށް ފެން ޖަމާކޮށް، އެ ފެނުގެ ސާފްކަން ޔަޤީންކުރުމަށްފަހު މި ނިޒާމުގެ ތެރެއިން ބޭނުންކުރެވޭނެ ގޮތް މިހާރު ވަނީ ހަދާފައި ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އައި.ޓީ.ބީ ފެއަރގައި ރާއްޖެ ބޮއިކަޓްކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދިޔަކަމަށާއި މިފަދަ ތަންތަނުގައި ރާއްޖެބޮއިކަޓްކުރުމަށް ގޮވާލުމުގެ ސަބަބުން ގެއްލުންވަނީ ރައްޔިތުންނާއި ރާއްޖެއަށްކަން ފާހަގަކުރައްވައި މިފަދަ ކަންތައްތައް ހުއްޓާލައި، ރާއްޖެ ކުރިއަށް ގެންދިޔުމަށް އެންމެން އެކުގައި، ގުޅިގެން ކުރިއަށް ގެންދިޔުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވަނީ އެރަށަށް ލިބިގެންދިޔަ ފެނުގެ ޚިދުމަތަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިހާރު އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ނަރުދަމާގެ މައްސަލަކަން ފާހަގަކުރައްވާ އެކަންވެސް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކުރިއެރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ ޤާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ކުރިއަށްގެންދެވި މި މަޝްރޫޢު ހިންގެވީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮންމްޕެނީއާ ޙަވާލުކުރައްވައިގެންނެވެ. މާމިގިލީގެ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށްޓަވާފައިވަނީ 2013ވަނަ އަހަރުގެ އޮގަސްޓްމަހުގައެވެ. މަސައްކަތް ނިންމަވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގައެވެ.

ގާތްގަނޑަކަށް 2800 މީހުން ހިމެނޭ މާމިނގިލީ އާބާދީގައި ރެޖިސްޓްރީ ވެފައިވީނަމަވެސް ސިނާޢީ އެކިއެކި މަސައްކަތްތައް ކުރުމަށާއި، މާމިގިލީގައި ދިރިއުޅުން އާބާދުކޮށްގެން އުޅޭ މީހުންގެ އިތުރުން ވަޒީފާ އަދާކުރުމަށް މާމިނގިއްޔަށް ހިޖުރަކޮށްފައިވާ މީހުންނަށް ބަލާއިރު ގާތްގަނޑަކަށް ހަތަރުހާހެއްހާ މީހުން މިރަށުގައި ދިރިއުޅެމުންދެއެވެ.