ޚަބަރު

ސާކްގެ ސަމިޓްތަކުގައި ނިންމާ ނިންމުންތައް ތަންފީޒް ކުރެވެންޖެހޭ


ސާކްގެ ސަމިޓްތަކުގައި ނިންމާ ނިންމުންތައް މެންބަރު ޤައުމުތަކުން ވީހާވެސް އަވަހަކަށް ތަންފީޒުކުރުން އިސްކަން ދޭންޖެހޭކަމަށް ރާއްޖޭގެ ޚާރިޖިއްޔާގެ ސެކެޓްރީ ޖެނެރަލް ޑރ އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޑރ އަލީ ނަސީރު މިހެން ވިދާޅުވީ، ނޭޕާލްގެ ޕުކަރާގައި އިއްޔެ ކުރިޔަށްދިޔަ ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަންގެ ސްޓޭންޑިން ކޮމިޓީގެ 42ވަނަ ސެޝަން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ޚާރިޖިއްޔާއިން މައުލޫމާތުދެއްވާ ގޮތުގައި މިބައްދަލްވުމުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހަރަކާތްތެރިވަނީ ފޮރިން ސެކެޓްރީ ޑރ އަލީ ނަސީރެވެ.

މިބައްދަލްވުމުގައި ދެއްކެވި ވާހަކައިގައި ޑރ އަލީ ނަސީރު ވަނީ ސާކްގެ ޗާޓަރގައި ހިމެނޭ އެންމެ މުހިންމު އެއް ލަނޑުދަޑިއަކީ ފަގީރުކަން ނައްތާލާ، ސަރަހައްދީ ޤައުމުތަކުގެ ތަނަވަސްކަން އިތުރުކުރުން ކަމަށެވެ. އަދި މިކަންތައް ޙާސިލް ކުރެވޭނީ ސަރަހައްދީ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުކޮށް ހަރުދަނާކުރެވިގެން ކަމަށް ޑރ ޢަލީ ނަސީރު ވިދާޅުވެފައިވެއެވެ.

އިއްޔެގެ ބައްދަލްވުމުގައި ސަރަހައްދީ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ސަރަހައްދީ ޤައުމުތަކުގެ ހާރިޖިއްޔާތަކުގެ ފޮރިން ސެކެޓްރީންވަނީ މަޝްވަރާކުރައްވާފައެވެ.

ސާކް ސްޓޭންޑިން ކޮމިޓީގެ 42 ވަނަ ސެޝަނަށްފަހު، ސާކްގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 37ވަނަ ސެޝަން މިހާރު ކުރިޔަށް އެބަދެއެވެ.