ޚަބަރު

ޖަޕާނުން ރޭޑިއޭޝަނުން ތަޣައްޔަރުވެފައިވާ ފެން ކަނޑަށް ދޫކުރަނީ


ފުކުޝިމާ ދައީޗި ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓުގައި ބޭނުންކޮށްފައިވާ ރޭޑިއޭޝަނުން ތަޣައްޔަރުވެފައިވާ ފެން ޕެސިފިކް ކަނޑަށް ދޫކުރުމުގެ މަސައްކަތް ޖަޕާނުން ފަށައިފިއެވެ. ފުކުޝިމާ ދައީޗި ޕްލާންޓަކީ 2011 ވަނަ އަހަރުގެ މާރިޗު މަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން އުފެދުނު ސުނާމީގައި ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާ ޕްލާންޓެކެވެ.

ރިކްޓަރ މިންގަނޑުން 9ގެ ބާރުމިނުގައި އައި ބިންހެލުމާއި ސުނާމީގައި ފުކުޝިމާ ދައީޗި ޕްލާންޓުގެ ތިން ނިއުކްލިޔަރ ރިއެކްޓަރަށް ވަނީ ގެއްލުން ލިބިފައެވެ. އަދި، އެ ހާދިސާއާ ގުޅިގެން އެ ޕްލާންޓު ވަނީ ބަންދުކޮށްފައެވެ. އެ ތަނުގައި ބޭނުންކޮށްފައިވާ ރޭޑިއޭޝަނުން ތަޣައްޔަރުވެފައިވާ ފެން ޕެސިފިކް ކަނޑަށް ދޫކުރުމުގެ މަސައްކަތް ފަށާފައި ވަނީ ކަމާ ގުޅޭ އިދާރާތަކުގެ އިރުޝާދުގެ ދަށުން ކަމުގައި ޖަޕާނުން ބުނެއެވެ.

ނަމަވެސް، އެ ސަރަޙައްދުގެ ޤައުމުތަކުގެ އިތުރުން ޖަޕާނުގެ މަސްވެރިން ވެސް ދަނީ އެ ކަމާ ދެކޮޅު ހަދަމުންނެވެ. ތަޣައްޔަރުވެފައިވާ ފެން ކަނޑަށް ދޫކުރަން ފެށުމާ ގުޅިގެން ބައެއް ޤައުމުތަކުން ވަނީ ޖަޕާނުން ބާނާ މަހާއި މަސްވެރިކަމުގެ އުފެއްދުންތައް އެތެރެކުރުން ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. ޖަޕާނުގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް އިމްޕޯޓު ކުރުން ވެސް ޗައިނާއިން ވަނީ ހުއްޓައިލާފައެވެ.

ޖަޕާނުން ބާނާ މަހާއި މަސްވެރިކަމުގެ އުފެއްދުންތައް އިމްޕޯޓު ކުރުން މެދުކަނޑައިލާފައިވާ ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި، ޗައިނާގެ ދެ ސަރަޙައްދެއް ކަމުގައިވާ ހޮންގ ކޮންގާއި މަކާއޫގެ އިތުރުން ދެކުނު ކޮރެޔާ ވެސް ހިމެނެއެވެ. ޗައިނާއިން ބުނަމުން ދަނީ ރޭޑިއޭޝަނުން ތަޣައްޔަރުވެފައިވާ ފެން ކަނޑަށް ދޫކުރުމުން، އެ ސަރަޙައްދުގެ ކަނޑު ތަޣައްޔަރުވާނެ ކަމުގައެވެ. އަދި، މިއީ އިންސާނުންނާއި ދިރޭތަކެތީގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވެސް ޗައިނާއިން ސިފަ ކުރެއެވެ.

ނަމަވެސް، ޖަޕާނުގެ ސަރުކާރުން ދަނީ އެ ޤައުމުގެ ނިންމުން ދިފާޢު ކުރަމުންނެވެ. ޖަޕާނުން ބުނީ ތަޣައްޔަރުވެފައިވާ ފެން ކަނޑަށް ދޫކުރަން ފަށާފައި ވަނީ އެ ކަމާ ގުޅޭ ދިރާސާތައް ކުރުމަށް ފަހު، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އޭޖެންސީ (އައި.އޭ.އީ.އޭ)ގެ ހުއްދައާ އެކުގައި ކަމުގައެވެ. ފުކުޝިމާ ދައީޗި ޕްލާންޓުގައި ބޭނުންކޮށްފައިވާ ރޭޑިއޭޝަނުން ތަޣައްޔަރުވެފައިވާ ފެން ނައްތައިލުން ނުވަތަ ކަނޑަށް ދޫކުރުމަކީ، އެ ތަން ޑީކޮމިޝަން ކުރަން ނުވަތަ ރައްކާތެރިކަމާ އެކު ބަންދު ކުރުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅެކެވެ.

"ޖަޕާނުން ހިންގަމުން އެ ދަނީ ވަރަށް އަމިއްލަ އެދުން ބޮޑު އަމަލެއް. އިންސާނުންގެ ޞިއްޙަތަށް ނުރައްކަލެއް ނޯންނާނެ ކަން ޖަޕާނަށް ކަށަވަރުކޮށްދެވިފައެއް ނެތް. އިންސާނުންގެ ޞިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ އަމަލެއް ކޮށްގެން ނުވާނެ،" ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ނަމަވެސް، މިއީ އެއްވެސް ސައިންޓިފިކް ހެއްކެއްގެ މައްޗަށް ބިނާކޮށް ޗައިނާއިން ފަތުރަމުންދާ ވާހަކަތަކެއް ނޫން ކަމުގައި ޖަޕާނުން ބުނެއެވެ. އަދި، މި ކަމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށް އެއްވެސް ވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް އައި.އޭ.އީ.އޭގެ މާހިރުން ވެސް އެއްބަސްވާ ކަމުގައި ޖަޕާނުން ބުނެއެވެ.

ޖަޕާނުން ބާނާ މަހާއި މަސްވެރިކަމުގެ އުފެއްދުންތައް އިމްޕޯޓު ކުރުން ޗައިނާއިން މެދުކަނޑައިލުމުން ޖަޕާނުގެ އިޤުތިޞާދަށް އެ ކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. 2022 ވަނަ އަހަރު ޗައިނާއިން އެތެރެކޮށްފައިވާ ޖަޕާނުގެ މަހާއި މަސްވެރިކަމުގެ އުފެއްދުންތަކުގެ އަގު 600 މިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. 2022 ވަނަ އަހަރު ޖަޕާނުން ބޭރުކޮށްފައިވާ މަހާއި މަސްވެރިކަމުގެ އުފެއްދުންތަކުގެ 42 އިންސައްތަ ހިއްސާކުރަނީ ޗައިނާއާއި ހޮންގ ކޮންގުންނެވެ.

ފުކުޝިމާ ދައީޗި ޕްލާންޓުގައި ރައްކާކޮށްފައި ހުރި ތަޣައްޔަރުވެފައިވާ ފެނުގެ ތެރެއިން 7,800 ކިޔުބިކް މީޓަރުގެ ފެން ކުރިއަށް އޮތް 17 ވަރަކަށް ދުވަހުގެ ތެރޭގައި ޖަޕާނުން ޕެސިފިކް ކަނޑަށް ދޫކުރާނެއެވެ. އެ ފެނުގެ ކޮންމެ ލީޓަރެއްގައި ރޭޑިޔޯއެކްޓިވް މާއްދާއެއް ކަމުގައިވާ "ޓްރިޓިޔަމް"ގެ 63 "ބެކެރަލް" ހުރި ކަމުގައި ޖަޕާނުން ބުނެއެވެ. ބެކެރަލަކީ ރޭޑިޔޯއެކްޓިވް މިންވަރު ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ.

މިއީ، އިންސާނުންނަށް ބުއިމަށް ބޭނުން ކުރުމަށް ވެސް ރައްކާތެރި މިންވަރެއް ކަމުގައި ޖަޕާނުން ބުނެއެވެ. ލީޓަރެއްގައި 10,000 ބެކެރަލަށް ވުރެ މަދު މިންވަރަކަށް ޓްރިޓިޔަމް ހުންނަ ފެނަކީ ބުއިމަށް ރައްކާތެރި ފެނެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވެސް ވަނީ ކަނޑައަޅާފައެވެ. އައި.އޭ.އީ.އޭއިން ވެސް ވަނީ ފުކުޝިމާ ދައީޗި ޕްލާންޓުން ދޫކުރަމުންދާ ފެނުގައި ޓްރިޓިޔަމް ހުރީ އިންސާނުންގެ ޞިއްޙަތަށް ނުރައްކާވާ މިންވަރަށް ވުރެ ދަށުގައި ކަމަށް ބުނެފައެވެ.