ކުޅިވަރު

ކުލަބު މޯލްޑިވްސް ކަޕް: ޗެމްޕިއަންކަން ކުލަބު ވެމްކޯއަށް


ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބަލިކޮށް ކުލަބް މޯލްޑިވްސް ކަޕުގެ ޗެމްޕިއަންކަން ކުލަބް ވެމްކޯއިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދީ ފައިނަލުގައި އާރުއާރުސީ އާއި ވާދަކޮށް 5-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިފަހަރުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލުގައި ލީޑުނެގީ ވެމްކޯގެ އަލީ ޝިޔާހު ޖެހި ގޯލުންނެވެ. އެއަށްފަހު އެ ޓީމުގެ އިސްމާއިލް ވަޖީހު އަށް ރަތް ކާޑެއް ދެއްކި ނަމަވެސް ވެމްކޯގެ ކުޅުމަށް ބަދަލެއް ނައެވެ. އެ ޓީމުގެ ދެވަނަ ގޯލު ޖެހީ އިބްރާހިމް މަހުދީ އެވެ.

މި ދެ ލަނޑާއެކު ކުރިޔަށްދަނިކޮށް އާރުއާރުސީގެ ހުސެއިން ގައްސާން ލަބީބް ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އަދި އަހުމަދު ވިޖުދާން އެ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށދިން ނަމަވެސް ވެމްކޯއިން ވަނީ ބޮޑުތަން ކުޅުން ރަނގަޅުކޮށް އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އިބްރާހިމް މަހުދީ އާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޖުނެއިދުގެ ލަނޑުން ވެމްކޯ ވަނީ މެޗުން މޮޅުވެފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ކެޕްޓަން ޝިޔާހު އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޖުމްލަ އެކު، އަށް ގޯލު ޖެހި ޝިޔާހު އާއި ހުސެއިން ގައްސާން ލަބީބެވެ. އެންމެ މޮޅު ކޯޗަކަށް ވެމްކޯގެ އަހުމަދު ތޯހާ ހޮވުުނުއިރު، ގަދަ ފަސް ކުޅުންތެރިންނަކީ ވެމްކޯގެ ޝިޔާހު، އަލީ ރެޒާ އަދި އަބްދުﷲ ޒިމާމްގެ އިތުރުން އާރްއާރްސީގެ އަލީ ހާފިޒް (އައްޔަ) އަދި ހުސެއިން ގައްސާން ލަބީބެވެ.