ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ގަސްދުގައި ފަލަސްޠީނުގެ ޞިއްޙީ ޚިދުމަތްތެރިންނަށް ހަމަލަ ދެމުންދާ ކަމަށް ބުނެ، އ.ދއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އ.ދއިން މި ކަން ހާމަކޮށްފައި ވަނީ ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ޝާއިޢުކުރި ރިޕޯޓެއްގައެވެ.
ޖުލައި މަހުގެ ތެރޭގައި ވެސް ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ވަނީ ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ ޖިނީންގައި އޮންނަ ޖިނީން ރެފިޔުޖީ ކޭމްޕައް އަރައި ލާއިންސާނީ އުދުވާންތަކެއް ހިންގާފައެވެ. އަދި، ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ މީހުން ޝަހީދުކޮށްލާފައެވެ. އުދުވާންތަކުގައި ބަރު ހަތިޔާރު ބޭނުންކޮށް ރިއުޖީ ކޭމްޕުގެ ބޮޑު ބަޔެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. އެއީ ގަތުލުއާންމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ސިފަ ކުރަމުންނެވެ.
އ.ދގެ އިންސާނީ އެހީތެރިކަމާ ބެހޭ ކޯޑިނޭޓަރ ލިން ހޭސްޓިންގްސް ވިދާޅުވީ މި އަހަރުގެ ތެރޭގައި ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ހިންގާފައިވާ ޓެރެރިސްޓު އަމަލުތަކުގައި ފަލަސްޠީނުގެ ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ގިނަ ހަމަލަތަކެއް ދީފައިވާ ކަމުގައެވެ. އަދި، މި ހަމަލަތަކުގައި އޭގެ ތެރެއިން 77 މީހުން ޒަޚަމުވެފައިވާ ކަމަށާއި، 30 އެއްހާ އެމްބިޔުލާންސަށް ހަމަލަދީ ގެއްލުންދީފައިވާ ކަމުގައެވެ.
ޔަހޫދީ ޓެރެރިސްޓު ސިފައިން ހަމަލަދީ ޒަޚަމުކޮށްލާފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، މަދަނީ ޖަމުޢިއްޔާތަކުގައި މަސައްކަތްކުރާ ވޮލަންޓިޔަރުން ހިމެނޭ ކަމުގައި ހޭސްޓިންގްސް ވިދާޅުވިއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މީހުން މަސައްކަތް ކުރަމުން ދަނީ އަމިއްލަ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޔަހޫދީންގެ އުދުވާންތަކުގައި ޒަޚަމުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދޭން ޞިއްޙީ ޚިދުމަތްތެރިން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީ ފުލުހުންނާއި ސިފައިން ގަސްދުގައި ހުރަސް އަޅަމުންދާ ކަމުގައި ވެސް ހޭސްޓިންގްސް ވިދާޅުވިއެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން ޞިއްޙީ ފަރުވާއިން މަޙްރޫމް ކުރުވަން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ޕަލަސްޓައިން ރެޑް ކްރެސެންޓް ސޮސައިޓީގެ އިސް އޮފިޝަލެއް ކަމުގައިވާ އުމަރު އައްޒާމް ވިދާޅުވީ މި އަހަރުގެ ތެރޭގައި ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ހުޅަނގު އައްސޭރީގައި ހިންގާފައިވާ އުދުވާންތަކުގައި 193 ފަހަރަކު އެ ޖަމުޢިއްޔާގެ ޞިއްޙީ ޚިދުމަތްތެރިންނަށް ހުރަސް އަޅާފައިވާ ކަމުގައެވެ. މީގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންނާއި އެ މީހުންގެ އެމްބިޔުލާންސްތަކަށް ގަސްދުގައި ހަމަލަ ދިނުމާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ހުރަސް އެޅުމުގެ އަމަލުތައް ހިމެނެއެވެ. އަދި، ޒަޚަމުވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެވަނަ ފަހަރަށް ހަމަލަތައް ދެމުންދާ ކަމުގައި ވެސް އައްޒާމް ވިދާޅުވިއެވެ.
"ޖުލައި މަހު އެކަނިވެސް ޔަހޫދީ ސިފައިން ވަނީ 10 ފަހަރެއްގެ މަތިން ރެޑް ކްރެސެންޓުގެ ޞިއްޙީ ޚިދުމަތްތެރިންނަށް ހަމަލަދީފައި. ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ކަރުނަ ގޭސް ޖެހުމާއި، ބަޑި ޖެހުމަކީ ޔަހޫދީ ޓެރެރިސްޓު ސިފައިން ޢާންމުކޮށް ކުރާ ކަމެއް. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިންގެ ގަޔަށް ބަޑިޖަހައި ޒަޚަމުކޮށްލާފައިވޭ،" އައްޒާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޔަހޫދީ ސިފައިން ޒަޚަމުކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދޭން އުޅުނު ރެޑް ކްރެސެންޓުގެ ޞިއްޙީ ޚިދުމަތްތެރިންނަށް ޔަހޫދީ ސިފައިން 314 ފަހަރަކު ހުރަސް އަޅާފައިވާ ކަމުގައެވެ. އަދި، ފަރުވާއަށް ބޭނުންވެފައިވާ މީހުންނާ ހަމައަށް ދިއުމަށް ހުރަސް އަޅައި، އެ މީހުން ޞިއްޙީ ފަރުވާއިން މަޙްރޫމު ކުރުވާފައިވާ ކަމުގައެވެ.
މީގެ އިތުރުން، ރެޑް ކްރެސެންޓުގެ ޞިއްޙީ ޚިދުމަތްތެރިން ފަރުވާ ދެމުންދިޔަ މީހުން ހައްޔަރުކޮށްގެން ގެންދިޔުމަކީ ވެސް ޔަހޫދީ ޖައްބާރު ސިފައިން ޢާންމުކޮށް ކުރާ ކަމެއް ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ. އައްޒާމް ވިދާޅުވީ މި ގޮތަށް ނުވަ މީހަކު ގެންގޮސްފައިވާ ކަމަށާއި، ބައެއް މީހުން ގެންގޮސްފައި ވަނީ އެމްބިޔުލާންސްގެ ތެރޭގައި ކުއްލި ފަރުވާ ދެމުން ގެންދަނިކޮށް ކަމުގައެވެ.
ނާބުލުސްގެ ޖަމުޢިއްޔާއެއް ކަމުގައިވާ ޕަލަސްޓީނިއަން މެޑިކަލް ރިލީފް ސޮސައިޓީގެ ހަމްޒާ އަބޫ ހާޖަރަކީ ޔަހޫދީ ޖައްބާރު ސިފައިންގެ ޝިކާރައަކަށްވެފައިވާ އެކަކެވެ. 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު ފަލަސްޠީނުގެ ބަޔަކަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭން ހަރަކާތްތެރި ވަނިކޮށް ޔަހޫދީ ސިފައިން ވަނީ އޭނާގެ މެޔަށް ބަޑި ޖަހައި، ޒަޚަމުކޮށްލާފައެވެ.
ހުސްވި ޖުލައި މަހު ޔަހޫދީ ސިފައިން ވަނީ ރެޑް ކްރެސެންޓުގެ އާމިރު އަޙްމަދު އާމިރުގެ ގަޔަށް ވެސް ބަޑިޖަހައި ޒަޚަމުކޮށްލާފައެވެ. އޭނާއަށް ހަމަލަދިން ވަގުތު އޭނާ މަސައްކަތް ކުރަމުން ގޮސްފައި ވަނީ ޔަހޫދީ ސިފައިން ޒަޚަމުކޮށްލާފައިވާ ކުޑަ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރާށެވެ. އޭނާގެ ފަޔަށް ތިން ފަހަރު ޔަހޫދީ ޓެރެރިސްޓު ސިފައިންގެ މީހަކު ބަޑިޖަހާފައިވެއެވެ.
މި ފަދަ ހާދިސާތަކަކީ ޔަހޫދީ ޖައްބާރު ސިފައިން ކޮންމެ ދުވަހަކުހެން ހިންގާ ޖަރީމާތަކެއް ނަމަވެސް، މި ކަންކަން ހުއްޓުވަން އިނގިލިކުރި ހިއްލައިލާނެ ބަޔަކު ވެސް ނެތެވެ. ފަލަސްޠީނުގެ ރައްޔިތުންނާ މެދު ޔަހޫދީ އިސްރާޢީލުން އަމަލު ކުރަމުން ދަނީ ހިތުހުރި ގޮތަކަށެވެ. ޔަހޫދީންގެ އަޅުވެތިކަމުގައި ފަލަސްޠީނުގެ މުސްލިމުން ވޭތުކުރަމުން ދަނީ ބިރުވެރިކަމާއި ނުރައްކަލުން ފުރިފައިވާ އަނދިރި ހަޔާތެކެވެ. އ.ދއަށް ވެސް ކުރެވޭ އޮންނަނީ އެންމެ ކަމެކެވެ. އެއީ، ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެ ބަރިބަރިއަށް ބަޔާންތައް ނެރުމެވެ.