ޚަބަރު

އިސްސަފުގައި ތިބި މީހުންވަނީ އެމްޑީޕީ ހައިޖެކްކޮށްފައި - މޫސަ


ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އިދިކޮޅު އެމްޑީޕީއަށް ބޭރުގެ ފަރާތްތަކުން ފިއްތުންތައް ކުރިމަތިކުރަމުންދާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަންވެސް ކުރައްވާ މޫސާ މަނިކު، ރޭ ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ވިދާޅުވީ، ސަރުކާރުން ފަށްޓަވާފައިވާ މަޝްވަރާތަކުގައި އެމްޑީޕީން އަދި ބައިވެރިވާނެ ކަމަށެވެ. ސަރުކާރުން ވަނީ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމްޑީޕީއަށް ހަތަރު ފަހަރެއްގެ މަތިން ދަޢުވަތު ދެއްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މަޝްވަރާތަކުގައި އެމްޑީޕީ ބައިވެރިކުރުމަށް ބައިނަލްއަޤްވާނީ އެހީއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ހާމަކުރައްވާ  މޫސަ ވިދާޅުވީ، އެމްޑީޕީން މަޝްވަރާތަކުގައި ބައިވެރިނުވަނީ އެޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ޕާޓީ ހައިޖެކް ކޮށްފައިވާތީކަމަށެވެ. 

މޫސަ ވަނީ އެމްޑީޕީގެ ލީޑަރޝިޕް ބަދަލުކުރުމަށް ވިދާޅުވާ ވިދާޅުވުން  ތަކުރާރު ކުރައްވާފައެވެ. ބޭރުގެ އެހީއާއެކު މަޝްވަރާއަށް އިދިކޮޅު ފަރާތްތައް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތަކީ ސަރުކާރަށް އޮތް ފައިދާއެއް ކަމަށާއި، ބައިވެރި ނުވުމުގެ ގެއްލުމާއި އެމްޑީޕީން ކުރިމަތިލާންޖެހޭނެކަމަށެވެ.

އެމްޑީޕީ ނެތިދިއުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި ސިފަކުރައްވަމުން މޫސަ ވިދާޅުވީ، އެމްޑީޕީ މިހާރު އަނދިރިކަމެއްގެ ތެރެއަށް ވަންނަމުންދާ ކަމަށެވެ. އަދި އެޕާޓީ 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާތަން ފެނިވަޑައި ނުގަންނަވާކަމަށް ވިދާޅުވެ މޫސަ ވަނީ އެޕާޓީގެ އިސް ބައެއް ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.