ޚަބަރު

އިނގުރައިދޫ ސްކޫލުގައި އަށް ކުލާސްރޫމްގެ ދެބުރި ޢިމާރާތެއް


މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ސްކޫލުގައި އަށް ކުލާސްރޫމްގެ ދެބުރި ޢިމާރާތެއް އަޅުއްވަން ހަމަޖައްސަވައިފިއެވެ.

އެއްދަންފަޅިއަށް ކިޔަވައިދެއްވުމަށް އިނގުރައިދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށްޓަކައި އަޅުއްވާ އައު ޢިމާރާތުގެ މަސައްކަތް މި އަހަރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ހޯލުގައި ޕާޓިޝަން ޖައްސަވައިގެން މިހާރުވެސް ބައެއް ކުލާސްތައް ކުރިޔަށް ގެންދަވަން ޖެހިވަޑައިގަންނަވާކަމަށް އިނގުރައިދޫ ސްކޫލުން ވިދާޅުވެއެވެ.

އިނގުރައިދޫ ސްކޫލުގައި އަލަށް އަޅުއްވަން ހަމަޖައްސަވާފައިވާ ދެބުރި ޢިމާރާތުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހުޅުއްވާލައްވާފައެވެ. 1،600 އެއްހާ މީހުންގެ އާބާދީއެއް ހިމެނޭ އިނގުރައިދޫގައި ހުންނަ، އެރަށު ސްކޫލުގައި އޯލެވެލްއާ ހަމަޔަށް އަންނީ ކިޔަވައިދެއްވަމުންނެވެ.