ޔޫއެސް އޯޕަން ކަޕުގެ ސެމީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އެފްސީ ސިންސިނާޓީ ބަލިކޮށް، މުބާރާތުގެ ފައިނަލުން އިންޓަރ މަޔާމީ ޖާގަ ހޯދައިފިއެވެ.
މި މެޗުގެ 90 މިނިޓު ހަމަވައިރު 2-2 ލަނޑުން އެއްވަރުވެ އިތުރަށް ކުޅުނު 30 މިނިޓުގައި 3-3 ލަނޑުން އެއްވަރުވުމުން ޕެނަލްޓީގައި މިއަމީ ކުރިހޯދީ 5-4 ލަނޑުންނެވެ.
ސިންސިނާޓީގެ އޮހިޔޯގެ ޓީކިއުއެލް ސްޓޭޑިއަމްގަ ކުޅުނު މެޗުގެ ގަނައިރު މިއަމީ ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަހަމަލާ އުފައްދާފަ ވަނީ ސިންސިނާޓީންނެވެ. މެޗުގެ ފުރަތަމަ ދެލަނޑު ސިންސިނާޓީން ކާމިޔާބުކުރި މި ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫސިއާނޯ ކޯސްޓާ އާއި ބްރަންޑަން ވަޒްކުއެޒެވެ.
މިއަމީން ނަތީޖާ ހަމަހަމަކުރީ މެޗުގެ ދެވަނަ ހާފްގައެވެ. މި ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ލިއާނޯޑާ ކަންޕާނާއެވެ. ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ އިތުރުވަގުތު ތެރޭގައެވެ. މި ދެލަނޑުވެސް އޭނާ ކާމިޔާބު ކުރީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ އެހީތެރިކަމާއެކުވެ. އިތުރު ވަގުތު ފުރަތަމަހާފްގެ ވަރަށް ކުރީކޮޅު މިއާމީން ލީޑް ނަގައިދިނީ ޖޯސެފް މާޓިނޭޒްއެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފްގައި ނަތީޖާ 3-3 ލަނޑުން އެއްވަރުކުރީ ސިންސިނާޓީގެ ޔޫޔާ ކޫބޯ ކާމިޔާބުކުރި ލަނޑާއެކުއެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މިއަމީގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރި އިރު ސިންސިނާޓީގެ ނިކްހެގްލަންޑް ފޮނުވާލި ޕެނަލްޓީ ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
އަންނަ ސެޕްޓެންބަރ 27 ވަނަ ދުވަހު މުބާރާތުގެ ފައިނަލުގައި މިއަމީ ނުކުންނާނީ ހިއުސްޓަން ޑައިނަމޯއާ ދެކޮޅަށެވެ.