ޚަބަރު

ޤައުމީ މަސްލަހަތު ހިމެނޭ މައްސަލަތަކަށް އޭސީސީން އިސްކަންދެއްވަނީ


އޭސީސީން ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ތެރެއިން ޤައުމީ މަސްލަޙަތު ހިމެނޭ ބޮޑެތި މައްސަލަތަކަށް އިސްކަންދެއްވާ، ހުށަހެޅޭ މައްސަލަތައް ކަނޑައެޅޭ ވަކިމުއްދަތެއްގެ ތެރޭގައި ނިންމެވުމުގެ ނިޒާމެއް ކުރިއަށްއޮތް ތާނގައި ޤާއިމުކުރައްވާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނާއިބުރައީސް މުޢައްވިޒު ރަޝީދު ވިދާޅުވީ އެކޮމިޝަނުން ނިންމަވާ މައްސަލަތައް ނިންމަވަންޖެހޭނެ ވަކި މުއްދަތެއް މިހާރު ކަނޑައަޅުއްވައިފައިނުވިނަމަވެސް ކުރިއަށް އޮތްތަނުގަ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް، ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަވަންޖެހޭގޮތަށް ކަނޑައަޅުއްވަން ކޮމިޝަނުން ނިންމަވާފައިވާކަމަށެވެ. އެގޮތުން ކޮމިޝަނަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ޤައުމީ މަސްލަޙަތު އެކަންކަމުގެ މައްޗަށް ހުއްޓިފައިވާ ބޮޑެތި މައްސަލަތަކަށް ކުރިއަށްއޮތް ތަނުގައި އިސްކަންދެއްވާނެ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މައްސަލަތަކުގެ ތަޙްޤީޤް ގޮސްފައިވާ ހިސާބު ބެލޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެއްވުމަށްވެސް އޭސީސީން ވަނީ ނިންމަވައިފައެވެ. އަދި ކޮމިޝަނަށް ހުށައެޅޭ މައްސަލަތަކުގެ ތަޙްޤީޤް އަވަހަށް ނިންމެވުމަށްޓަކައި ކޭސް މެނޭޖްމެންޓް ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.

އޭސީސީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ޕްރޮކިއުމެންޓާ ގުޅުންހުރި މައްސަލަތައްކަމަށް ވުމާއެކު ދައުލަތުގެ އެކި މުއައްސަސާތަކުގެ ޕްރޮކިއުމެންޓް މަސައްކަތްކުރައްވާ މުއައްޒަފުންނަށް ޚާއްޞަކޮށްގެން ތަމްރީން ޕްރޮގްރާމްތައް ހިންގެވުމަށްވެސް އޭސީސީން ވަނީ ނިންމަވާފައެވެ.

ޤައުމީ މަސްލަޙަތު ހިމެނޭ މައްސަލަތަކަށް އިސްކަން ދެއްވުމުގެ ނިޒާމެއް ޤާއިމުކުރެއްވުމަށް އޭސީސީން ނިންމަވާފައިވާއިރު އެކޮމިޝަނުން ގެންދަވަނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގަ ފެންމަތިވި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމުގައިވާ އެމް.އެމް.ޕީ.އާރ.ސީގެ ކޮރަޕްޝަންގެ މައްސަލަ ތަޙްޤީޤް ކުރައްވަމުނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ އަހަރު 832 މައްސަލަ އޭސީސީގަ ރަޖިސްޓްރީކޮށްފައިވެއެވެ.