ޚަބަރު

ފަތުރުވެރިކަން ބޮއިކޮޓް ކުރުމާ ދެކޮޅަށް ކުއްލި މައްސަލައެއް


މިމަހު ޖަރުމަންވިލާތުގެ ބަރލިންގައި ބޭއްވި ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ، އައިޓީބީގެ ތެރެއިން ބައެއް އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށްލައި، ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް މަސައްކަތްކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށައަޅުއްވައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ބިލެއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަޙްމަދު މުބީނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ދިވެހިންނާއި، ދިވެހިންނާ ބައިވެރިވާ ބޭރުގެ ބައެއް ފަރާތްތަކުން މަސައްކަތްކުރާކަމަށް ބުނެ، އެކަން ނުކުރުމަށް ރާއްޖޭގެ ޓޫރިޒަމް އިޑަސްޓްރީގެ ފަރާތުން ގެންދަވަނީ ބާރުއަޅަމުންނެވެ. އަދި މިފަދަ ގޮވާލުންތަކާ ގުޅިގެން، ލިބޭ ގެއްލުންތައް ފޫބެއްދެވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުން ހުއްޓުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް ވަނީ އެކި ބޭފުޅުން ވާހަކަދައްކަވާފައެވެ. މި މަސައްކަތުގެ ތެރެއިން، ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު މުބީން ރައްޔިތުންގެ މަޖިލީހަށް މިވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ.

މި ކުއްލި މައްސަލައާމެދު ބަހުސް ކުރަން ފެނިވަޑައިގަންނަވާ ކަމަށް 29 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. މިމައްސަލައާ ދެކޮޅަށް 7 މެންބަރަކު ވޯޓް ދެއްވާފައިވާއިރު ވަކި ގޮތަކަށް ވޯޓް ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ. މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލަ ހުށައަޅުއްވަމުން މުބީން ވިދާޅުވީ، އައިޓީބީ ފެއަރއަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ޕްލެޓްފޯމް ކަމަށެވެ. ނަމަވެސް ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން އައިޓީބީ ފެއަރ ހިނގަމުންދިޔަ ތަނުގައާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމާއި ދެކޮޅަށް، އަދި ދިވެހި އިޤްތިޞާދު އިނދަޖައްސާލުމަށް ދަށުދަރަޖައިގެ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ކުއްލި މައްސަލައަށް ބަޙުސްކުރެއްވި ގިނަ މެމްބަރުން ވަނީ، ރައްޔިތުންނަށް ލާބަހުރި ކަންކަން ކުރުމަށް ސަރުކާރާއެކު މަސައްކަތް ކުރުމަށް އެމްޑީޕީއަށް ގޮވާލައްވާފައެވެ. ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވާލާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް އެމެންބަރުން ގޮވާލެއްވިއެވެ. އިދިކޮޅު ބައެއް މެމްބަރުން ވަނީ ޤައުމަށް ހެޔޮއެދޭ ބަޔަކު ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާނުލާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށާއި، ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަނޑައެޅުއްވުމަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއްވެސް ހުށައަޅުއްވާފައެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރައްވައި، ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހަށް ފޮނުއްވުމުން، އެ ބިލް ވަނީ އަލުން ވިސްވާވަޑައިގަތުމަށް މަޖިލީހަށް ފޮނުއްވާފައެވެ. އަދި މި ބިލް މިހާރު ވަނީ މަޖިލީހުގެ ކަމާބެހޭ ކޮމެޓީގައެވެ.