ކުޅިވަރު

ކިޗީ އަތުން ނިއުރޭޑިއަންޓް ޕޮއިންޓެއް ހޯދައިފި


އޭއެފްސީކަޕްގައި މިއަދު ހޮންކޮންގެ ކިޗީ އަތުން ނިއުރޭޑިއަންޓް ޕޮއިންޓެއް ހޯދައިފިއެވެ. ނިއުރޭޑިއަންޓް ޕޮއިންޓެއް ހޯދީ ދާދި ދެންމެ ހޮންކޮންގައި ކިޗީއާއި ވާދަކުރި މެޗުގައި ކިޗީ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓައިގެންނެވެ.

ލަނޑެއް ނުޖެހި ނިމުނު މެޗުގައި ކިޗީން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައި ނިއުގެ ފަހަތަށް ބާރުބޮޑުކޮށްފައެވެ. ކިޗީން ފޮނުވާލި ބޯޅަތައް ދިފާއުކުރުމުގައި ނިއުގެ ބިދޭސީ ދެ ޑިފެންޑަރުންނާއި ކީޕަރު މުޙިންމު ދައުރެއް އަދާކުރިއެވެ. މީގެއިތުރުން ދެވަނަ ހާފްގައި ފޮނުވާލި ބާރު ބޯޅައިގެ ހުރަހަކަށްވީ ހުރަސް ދަނޑިއެވެ. 

މިގްރޫޕްގައި މިއަދު ސިންގަޕޫރުގެ ބެލަސްޓިއާ ޚަލްސާއާއި ވާދަކޮށް، ފިލިޕީންސްގެ ކާޔާ އެސްފީ ވަނީ އަމިއްލަ ދަނޑުގައި 1-0 ން ކުރި ހޯދާފައެވެ. އެހެންކަމުން 6 ޕޮއިންޓާއެކު މިހާރު ގްރޫޕްގެ އެއްވަނަ ލިބެނީ ކާޔާ އެސްފީއަށެވެ. ކިޗީއަށާއި، ބެލަސްޓިއާ ޚަލްސާއަށްވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ. ނިއުރޭޑިއަންޓް އޮތީ 2 ޕޮއިންޓާއެކުއެވެ.

ނިއުރޭޑިއަންޓަށް ދެންވެސް އޮތީ ކިޗީއާއި ވާދަކުރަން ޖެހޭމެޗެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު ނިއުރޭޑިއަންޓް ކިޗީއާއި ދެކޮޅަށް ނިކުންނާނީ މާލޭގައެވެ.