ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީގެ އަމާޒު ލީގުގައި ދެމިއޮތުމަށް


ފުރަތަމަ ބޭނުންވަނީ ރެލިގޭޓްނުވެ، ފުރަތަމަ ޑިވިޝަންގައި ހިފަހައްޓާލަން ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާތިފް ބުނެފިއެވެ.

ލީގްގެ ދެމެޗް އެއްވަރަށް ކުޅުމަށްފަހު ނޫނީ ލަނޑުދަނޑި ކަނޑައަޅަން އުނދަގޫވާނެކަމަށް ޔުނައިޓްޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ. ޕީއެސްއެމްއާ ވާހަކަދައްކަމުން އާތިފް ބުނީ އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާއިރު ވަރަށް ވިސްނަން ޖެހޭނެކަމަށާ ހާއްސަކޮށް ރެލިގޭޓްނުވެ، ފުރަތަމަ ޑިވިޝަންގައި ދެމިއޮތުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.

 އާތިފްބުނީ ލީގުގައި ދެ މެޗްއެއްވަރަށް ކުޅުމަށް ފަހު އަދި އެހެން ޓީމްތަކުގެ ކުޅުން ފެނުމުން، ޔުނައިޓަޑް ވިކްޓްރީގެ އަސްލު ފެންވަރު ވަރަށް ރަނގަޅަށް އެނގިގެންދާނެކަމަށެވެ.  އާތިފްބުނީ އަލަށް ފުރަތަމަ ޑިވިޝަންގައި ޔުނައިޓަޑް ވިކްޓްރީ ވާދަކުރި ނަމަވެސް އެހެން ޓީމްތަކަށް ޔުނައިޓަޑް ވިކްޓްރީއާ ކުޅެން ފަސޭހަ ނުވާނެކަމަށާއި،  ލީގް ފެށިގެން ދިއުމުން މިއަހަރު ޔުނައިޓަޑް ވިކްޓްރީގެ އަމާޒް ކަނޑައެޅިގެންދާނެކަމަށް އާތިފްބުންޏެވެ. 

"އަސްލު މާޒިޔާ ނަގާފަ އެހެން ހުރުހާ ޓީމްތަކެއް މިއަހަރު ވަރަށް އެއްވަރުވާނެ. ޔުނައިޓަޑް ވިކްޓްރީވެސް ދަށެއް ނުވާނެ، ދެ މެޗްއެއްވަރު ކުޅުމަށްފަހު ނޫނީ ޓީމްގެ އަސްލު ފެންވަރު ނޭންގޭނެ. ޔުނައިޓަޑް ވިކްޓްރީއަށް ބަލާފަ މިއަހަރު ޓީމްގައި ތިބި ކުޅުންތެރިން ވަރަށް ރަގަނޅު އަދި އެހެން ޓީމްތަކަށް ޔުނައިޓަޑް ވިކްޓްރީ އާ ދެކޮޅަށް ކުޅެން ފަސޭހައެއް ނުވާނެ" އާތިފް ބުންޏެވެ.

އާތިފްބުނީ މަޝްހޫރު މާގިނަ ކުޅުންތެރިންތަކަކާ ނުލާވެސް ރަނގަޅު ކާމިޔާބީއެއް ހާސިލް ކުރެވިދާނެކަމަށެވެ. ޔުނައިޓަޑް ވިކްޓްރީގައި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހުސެއިން ޝިމާޒް، އަދި އަލީ ނިޔާޒު ފާހަގަކޮށްލެވެެއެވެ.