ވިޔަފާރި

ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި


  • އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ސްރީލަންކާގައި

  • މި ޖަލްސާގައި އެ ކައުންސިލްގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރި

ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 15 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ. މިޖަލްސާ ބާއްވާފައިވަނީ ބުރާސްފަތި ދުވަހު ސްރީލަންކާގެ މެރިއަޓް ކޮލަންބޯގައެވެ.

މިއަހަރީ އާންމު ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ އަލީ ފާއިޒްއެވެ.

ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ އަހަރީ އާންމު ޖަލްސާގައި ކުރިއަށް އޮތް ދައުރަށް އެކައުންސިލްގެ ރައީސް، އަދި 2 ނައިބު ރައީސްގެ އިތުރުން އެހެނިހެން މަޤާމުތަކަށް ވަނީ ބޭފުޅުން އައްޔަންކޮށްފައެވެ.

މިޖަލްސާގައި ގެސްޓް ސްޕީކަރެއްގެ ގޮތުގައި ވާހަކަދެއްކެވީ ރާއްޖޭގެ އެންމެ ފުރަތަމަ ޓުއަރ އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރި ކުންފުނި ސްލޯން ޓުއާރސް ލިމިޑެޓްގެ މެނޭޖިންގ ޑިރެކްޓަރ ސުރެން އެޑިރިސިންހައެވެ. އޭނާގެ ވާހަކައިގައި ރާއްޖޭގެ ފަތުރުވެރިކަން ފެށުނުގޮތާއި މިހާރުގެ ހާލަތަށް ވަނީ އަލިއަޅުވާލައްވާފައެވެ. އަދި އެންމެ ފުރަތަމަ ފަތުރުވެރިކަން ފެށުނުއިރު ޓުއަރ އޮޕަރޭޓަރެއްގެ ހައިސިއްޔަތުން ކުރިމަތިލާންޖެހުނު ކަންކަމާއި އަދި ފަހުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންގެ އަދަދު އިތުރުވެ އިތުރު އެއަރލައިންތަކާއި ވާހަކަދައްކައިގެން ރާއްޖެއަށް ދަތުރުތައް ފެށިކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ސްރީލަންކާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކާއި އަދި ސްރީލަންކާއި ދިރިއުޅޭ ދިވެހިންނަށް ވިޒާގެ ކަންކަން ހަމަޖައްސައިދެއްވުމަށް ކުރެއްވި މަސައްކަތް ވަނީ ހިއްސާކުރައްވާފައެވެ.