ޚަބަރު

ފިރިހެނުންނާ އެއްވަރަށް ޤާބިލް އަންހެނުން އެބަތިބި - އިރުތިޝާމް


ފިރިހެނުންނާ އެއް ހަމައަކުން ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ސްޓެލްކޯގެ އަންހެން މުވައްޒަފުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެކުންފުނިން ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ޤައުމު ތަރައްގީ ކުރުމަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރަން ޖެހޭ މަސައްކަތުގައި ފިރިހެނުންނާ އެއްވަރަށް ގާބިލް އަންހެނުން ރާއްޖޭގައި އެބަތިބިކަމަށެވެ. އަދި މި ސަރުކާރުން އަންހެނުން ބާރުވެރިކުރައްވާ އަންހެނުންނަށް ފަހިކޮށްދެއްވަމުން ގެންދަވާ ފުރުސަތުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 ރޭގެ ރަސްމިއްޔާތުގައި، ސްޓެލްކޯގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ތެރެއިން، ތަފާތު ހަތަރު ދާއިރާއަކުން ފާހަގަކޮށްލެވުނު 25 މުވައްޒަފަކަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. މިގޮތުން އެ ކުންފުންޏަށް މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 8 މުވައްޒަފުންނާއި ފަންނީ އަދި އާންމު ޚިދުމަތުގެ ދާއިރާއިން އެކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ 10 މުވައްޒަފުންނަށާއި އެ ކުންފުނީގެ އިސް ސަފުގައި މަސައްކަތް ކުރާ 4 މުވައްޒަފަކަށާއި އެންމެ އުންމީދީ ޚިދުމަތްތެރި 3 މުވައްޒަފުންނަށްވެސް ވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއް ޝުކޫރު ޞާލިހު ވިދާޅުވީ، އެކުންފުނީގެ އެކި މަޤާމުތަކުގައި މިވަގުތު 92 އަންހެން މުވައްޒަފުން މަސައްކަތް ކުރައްވާކަމަށާއި ކުރިއަށްއޮތްތަކުނުގައި މިއަދަދު އިތުރު ކުރައްވާނެކަމަށެވެ.