ޚަބަރު

ޤުރުއާން ކިޔެވުމާއެކު ޤުރުއާނުގެ އާޔަތްތަކުގެ މާނަ ދެނެގަތުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފި


  • "މަޙްފަލުލް ޤުރްއާނީ 1445" ގައި ބޭރުގެ ޤާރީންނާއި ރާއްޖޭގެ ޤާރީން ކިޔަވާވިދާޅުވޭ

  • މިއީ މިފަދަ 3 ވަނަ ޤުރުއާން މަޙްފަލް

  • މިއީ އެއް ދުވަހަށް ކުރިއަށްގެންދާ ހަރަކާތެއް

ޤުރުއާން ކިޔެވުމާއެކު ޤުރުއާނުގެ އާޔަތްތަކުގެ މާނަ ދެނެގަތުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިގޮތަށް އެދިވަޑައިގަތީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާއިން އިންތިޒާމުކޮށްގެން ބޭއްވި "މަޙްފަލުލް ޤުރްއާނީ 1445" އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާ އޮތީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޤުރުއާން އުގަންނައިދީ ޤުރުއާން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި އަދި ދޭހަކޮށްދިނުން މިއީ އެންމެ ތުއްތުއިރުން ފެށިގެން ތާއަބަދުކުރަންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ވަގުތު ހޯދައިގެން ޤުރުއާނުގެ އާޔަތްތަކުގެ މާނަތައް ދަސްކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސްކޫލްތަކުގައި ޤުރުއާން ކިޔަވައިދިނުމުގައި މިހާރު ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކަށް "މަޙްފަލުލް ޤުރްއާނީ 1445"ގެ ތެރެއިން ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ހޯދިގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

" ކާކުތޯ އެމީހަކު ކުރާކަމެއް ރަނގަޅުވުމަށް ނޭދޭނެ. އެމީހާގެ ހަޔާތް ބާއްޖަވެރިވުމަށް ނޭދޭނީ. އެމީހެއްގެ ދަރިންނަށް ހެޔޮގޮތްތައް ނޭދޭނީ. އަޅުގަނޑުމެންގެ ޢަމަލުތައް ރަނގަޅުކުރަން ޖެހޭނެ. އާޚިރަތަށް ތައްޔާރުވުމަށް މަސައްކަތް ކުރަންޖެހޭނެ. ރައީސުލްޖުމްހުރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

"މަޙްފަލުލް ޤުރްއާނީ 1445" އަކީ ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި ޤުރްއާނުގެ ދާއިރާއިން މަތީ ތަޢްލީމު ޙާޞިލުކުރައްވަމުންދާ ބޭފުޅުންނަށް އަމާޒުކޮށްގެން ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިފަދަ 3 ވަނަ ޤުރުއާން މަޙްފަލެވެ. މިމަޙްފަލުގައި ރާއްޖެއާ ރާއްޖޭން ބޭރުގެ މަޝްހޫރު ބައެއް ޤާރީން ކިޔަވާފައިވެއެވެ.

މިމަޙްފަލުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރްއާން ކިޔެވުމުގައި ބޭނުންކުރާ މަޤާމާތުތަކަށް އަހުލުވެރިކުރުވުމާއި އަޑު ގެންގުޅޭނެ ގޮތުގެ ހުނަރުތައް ލިބިދިނުމެވެ. މީގެ އިތުރުން މިމަޙްފަލުގެ ތެރެއިން، ޤުރުއާން ޓީޗަރުންނަށް ޚާއްސަކޮށްގެން ދިވެހި ރާއްޖޭގެ ސްކޫލްތަކުގައި ޤުރުއާނުގެ މުޤައްރަރު ކިޔަވައިދިނުމަށް ހުރި ގޮންޖެހުތަކާއި އެކަމުގެ ޙައްލުގެ ނަމުގައި މަސައްކަތު ބައްދަލުވުމެއްވެސް ކުރިއަށް ގެންދާނެއެވެ.

މި މަޙްފަލުގައި ބަންގްލަދޭޝްގެ މަޝްހޫރު ޤާރީއެއްކަމުގައިވާ އައްޝައިޚް އަޙްމަދު ޔޫސުފުލްއަޒްހަރީއާއި މެލޭޝިއާގެ މަޝްހޫރު ޤާރީ ޑރ. ވަން ޙިލްމީ ވަން ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ މަޝްހޫރު ޤާރީ އަޙްމަދު ރަޝީދު އިބްރާހީމާއި މަޤާމާތަށް ކިޔެވުމުގައި މަޝްހޫރު ބައެއް ޤާރީން އަދި ލޯފަން ބައިވެރިއަކު ކިޔަވަންވަނީ ހަމަޖެހިފައެވެ. ތަފާތު ޤިރާއަތްތަކަށް އަދި ޤުރްއާން ކިޔެވުމުގެ ފަންނުގައި ބޭނުންކުރާ ތަފާތު މަޤާމާތުތަކަށް މިޤާރީން ކިޔަވަންވަނީ ހަމަޖެހިފައެވެ.

ޤުރްއާން މަޙްފަލުގެ އިތުރުން ޤުރްއާނުގެ ޢިލްމާ ގުޅޭ ތަފާތު އެތައް ވޯކްޝޮޕްތަކާއި ޓްރޭނިން ޕްރޮގްރާމުތައް ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން ހިންގައެވެ. އެގޮތުން އިޖާޒާ ޕްރޮގްރާމާއި ރީތިކޮށް ބަންގި ގޮވަން ދަސްކޮށްދޭ ޕްރޮގްރާމާއި ތަޙްސީންތަލައްފުޡުލް ޤުރްއާން ފަދަ ތަފާތު ޙަރަކާތްތައް ހިންގަމުންދެއެވެ.