ޚަބަރު

ސިފައިންނަށް ފްލެޓް އެޅުމަށް ސައުދީން 50 މިލިއަން ޑޮލަރުގެ އެހީ


ސައުދީ ސަރުކާރުގެ އެހީގެ ދަށުން ދިވެހި ސިފައިންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދެއްވުމުގެ ގޮތުން ފްލެޓް އެޅުމަށްޓަކައި 50 މިލިއަން ޑޮލަރު ހަދިޔާކުރެއްވުމަށް ސަޢުދީ ސަރުކާރުން ނިންމަވާފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.

މިކަން ނިންމަވާފައިވަނީ ސަޢޫދީ ޢަރަބިއްޔާއިން އިސްނަންގަވައިގެން، ޓެރަރިޒަމާ ދެކޮޅަށް އެކުލަވާލައްވާފައިވާ ކޯލިޝަންފޯސްގެ ފުރަތަމަ ތަމްރީނު "އެކްސަސައިޒް ނޯތް ތަންޑަރ" ނިމުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ކުރެއްވި ދަތުރުފުޅުގައެވެ.

ޑިފެންސް މިނިސްޓަރ ސަޢޫދީއަށް ކުރެއްވި މި ދަތުރުފުޅުގައި، ސައުދީ ރަސްގެފާނުގެ އިތުރުން މުސްލިމް ބައެއް ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރެއްވިއެވެ. އަދި ސައުދީގެ ޑިފެންސް މިނިސްޓަރ އާއި ބައްދަލުކުރެއްވިއެވެ.