ސިޔާސީ

މަޝްވަރާކޮށްގެން މައްސަލަ ޙައްލުކުރުމަށް އެމްޑީޕީން ބޭނުމެއް ނޫން


އިދިކޮޅު އެމްޑީޕީއާ މަޝްވަރާކުރެވެން ހުރި ގޮތްތައް ބައްލަވައި މަޝްވަރާގެ މޭޒަށް އެޕާޓީ ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތް އަދިވެސް ހުއްޓާނުލައްވައި ކުރިއަށް ގެންދަވާނެކަމަށް ސަރުކާރުން ހަމަކުރައްވައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ ބައްދަލުވުމަށް އިދިކޮޅު އެމްޑީޕީ ޙާޟިރުވެފައި ނުވާތީ، ބައިނަލްއަޤްވާމީ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެޕާޓީތަކުންވެސް މަޝްވަރާއަށް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އިދިކޮޅު އެމްޑީޕީއަށް ސަރުކާރާއި އެކު މަޝްވަރާކުރުމަށް ދެއްވި ހަތަރުވަނަ ދަޢުވަތުވެސް އެޕާޓީން ޤަބޫލްކޮށްފައެއްނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާ މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، ސަރުކާރުން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާތައް ފަށްޓަވާފައިވަނީ ސީމެގްގެ ރިޕޯޓްގައި އެކަން ހިމަނާފައި ވާތީ ނޫންކަމަށާއި، އޭގެ ކުރިން ސިޔާސީ ޕާޓީތަކަށް މަޝްވަރާތަކަށް އައުމަށް ދަޢުވަތު ދެއްވާފައިވާކަމަށެވެ.

ސަރުކާރުން ފަށްޓަވާފައިވާ މަޝްވަރާތަކުގެ މޭޒަށް ވަކިން ވަޑައިގަތުމަށް އެމްޑީޕީއަށް ދެއްވި ދަޢުވަތު ޤަބޫލްކޮށްފައި ނުވާތީ މިއަދު އެޖެންޑާކުރެއްވި ބައްދަލުވުންވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، މަޝްވަރާތަކުގެ މޭޒަށް އެމްޑީޕީ ގެނައުމަށް އެފަރާތުން އެދުނު ހުރިހާކަމަކަށް ސަރުކާރުން ލުއި ދެއްވަމުން ގެންދަވާކަމަށެވެ. ނަމަވެސް އެ ދަޢުވަތުވެސް ޤަބޫލްނުކުރެއްވުމުން ވާހަކަ ދައްކައިގެން މައްސަލަތައް ޙައްލުކުރުމަށް އެމްޑީޕީން ބޭނުން ނުވާކަން ހާމަވެއްޖެކަމަށެވެ. ނަމަވެސް ތަފާތު ފުރުޞަތުތައް ދީގެން ވެސް ސަރުކާރުގެ ވިސްނުމަކީ ޤައުމުގައި ހުރި ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތަކަށް އިޚްލާސްތެރިކަމާ އެކު މަޝްވަރާކޮށްގެން ހައްލު ކުރެއްވުންކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ އިޚްލާސްތެރިކަން ނެތްކަން އެނގިއްޖެކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލިފައިވާ މައްސަލައިގެ ގިނަ މަޢުލޫމާތުތަކެއް ހުރިކަމަށް އެމްޑީޕީން ތަކުރާރުކޮށް ބުނަމުންދާއިރު، އެ މަޢުލޫމާތުވެސް ސަރުކާރާއި ޙިއްސާކުރެއްވުމަށް ދަޢުވަތުދެއްވާފައިވާކަމަށެވެ. ސިޔާސީ ކުށްވެރިން ނުތިއްބަވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ސިޔާސީ ކުށްވެރިން ތިބިކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް ސިޔާސީ ކުށްވެރިން ތިބި ކަމަށް އެމްޑީޕީ އަށް ޤަބޫލުކުރެވޭނަމަ، ސިޔާސީ ކުށްވެރިންނަށް އެފަރާތްތައް ވަނީ ކިހިނެއްތޯ ސާފުކޮށްދިނުމަށް ދަޢުވަތު ދެއްވާކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގައި ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ހައްލެއް ހޯދަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށްވިދާޅުވިއެވެ.

 މިނިސްޓަރ ޝައިނީ ވިދާޅުވީ އެމްޑީޕީން މަޝްވަރާތަކަށް ހާޟިރު ނުވަނީ އެޕާޓީއަށް މަޝްވަރާ ކުރާނެ ކަންތައްތަކެއް ނެތުމުން ކަމަށާއި، ނަމަވެސް ބޭރުގެ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެމްޑީޕީ މަޝްވަރާގެ މޭޒަށް ގެނައުމަށް ކުރާ މަސައްކަތް ސަރުކާރުން ހުއްޓުމެއް ނެތި ކުރާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން ކުރިއަށްދާން ބޭނުންވަނީ ޤައުމުގައި މައްސަލަތަކެއް ހުރިނަމަ އެކަންކަން ހައްލުކޮށްގެން ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއްދީ، ޤައުމުގެ ތަރައްޤީ ހަލުވިކަމާއި އެކު ކުރިއަށް ގެންދިއުމަށް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

އިދިކޮޅު އެމްޑީޕީން ބުނަމުން ދަނީ ރައީސް ނަޝީދަށް ލުޔެއް ދިނުމަށް ސަރުކާރާއި އެކު މަޝްވަރާކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށެވެ. އަދި މަޝްވަރާތަކުގައި ބައިވެރިވާނީ އެޕާޓީން ސިޔާސީ ކުށްވެރިންކަމަށް ބުނާ ސިޔާސީ ލީޑަރުން ދޫކޮށްލުމުންކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ބުނަމުންނެވެ.