އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަންގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ އެންޑް ލީގަލް ކޮމެޓީގެ ވައިސް ޗެއަރޕާސަންކަމަށް ޕަބްލިކް ސަރވިސް މީޑިޔާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު މިއަދު އިންތިޚާބުކޮށްފިއެވެ.
ޝާޔަން މިމަޤާމަށް އިންތިޚާބުކުރީ މެލޭޝިޔާގެ ކުއަލަލަންޕޫރުގައި މިހާރު ހިނގަމުންދާ އޭބީޔޫގެ ކޮޕީ ރައިޓް ކޮމެޓީގެ ބައްދަލުވުމުގައި މިއަދު ބޭއްވި އިންތިޚާބުގައި މެމްބަރު ޤައުމުތަކުގެ އިއްތިފާޤުންނެވެ. މިމަޤާމް ޝާޔަން 2 އަހަރު ފުރުއްވާނެއެވެ.
ޕީއެސްއެމްއަކީ އޭބީޔޫގެ ފުލް މެމްބަރެެކެވެ. މިއަދު ފެށުނު ބައްދަލުވުމުގައި އޭބީޔޫ ކޮޕީ ރައިޓް ކޮމެޓީގެ ނަން ވަނީ އޭބީޔޫ އިންޓަލެކްޗުއަލް ޕްރޮޕަޓީ އެންޑް ލީގަލް ކޮމެޓީއަށް ބަދަލުކޮށްފައެވެ. މެލޭޝިޔާގައި މިއަދު ފެށުނު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވެމުންދަނީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ބްރޯޑްކާސްޓަރުންނަށް މިއަދު ކުރިމަތިވެފައިވާ ފިކުރީ މުދާ ހިމާޔަތްކުރުމާއި ބެހޭ މައްސަލަތަކަށް ހޯދިދާނެ ޙައްލުތަކާއި ބެހޭގޮތުންނެވެ. މިގޮތުން ފިކުރީ މުދާ ޙިމާޔަތްކުރުމަށް މިހާރު އޭބީޔޫ އިން ހަދާފައިވާ އޮނިގަނޑު އިސްލާޙުކުރުމާއި، މިއަހަރު ޖެނީވާ ގައި ބާއްވާ ވޯރލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން- ވައިޕޯ އަށް ހުށަހެޅުމަށް ބްރޯޑްކާސްޓް ޓްރީޓީއެއް އެކުލަވާލުން ހިމެނެއެވެ. މިޓްރީޓީ ވައިޕޯއަށް ހުށަހަޅާއިރު، އޭޝިޔާ ޕެސިފިކް ހުރިހާ ޤައުމަކުން އެއް އަޑަކުން ވާހަކަދެއްކުމަށްވެސް ނިންމުނެވެ. އަދި މިސަރަޙައްދުގެ ޤައުމުތަކުން އިންޑިޔާ އިސްވެ އޮވެ ވާހަކަދެއްކުމަށް ނިންމާފައިވެއެވެ. މިބައްދަލުވުމުގައި ޕީއެސްއެމްގެ އިސްވެރިންގެ ވަފްދެއް ދަނީ ބައިވެރިވަމުންނެވެ.