ސިޔާސީ

ލޯންޗްގައި ބޮން ހަރުކުރީ އަދީބާއި އޭނާގެ ދެ ބޮޑީގާޑުން ގުޅިގެން


ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލި ބޮން ހަރުކޮށްފައިވަނީ ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބާއި އޭނާގެ ބޮޑީގާރޑުންގެ ދެމީހުން ގުޅިގެންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

ރިޔާސީ ލޮންކޮޅުގައި އެއްޗެއް ގޮއްވާލިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް ދަޢުވާކުރައްވަން ކޯޓަށް ހުށައެޅުއްވިކަން ހާމަކުރައްވައި ޕީޖީ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާންގެ ބަޔާންކުރައްވާފައިވަނީ ރިޔާސީން ލޯންޗްކޮޅުގައި ގޮއްވާލި އައިއީޑީ ހަރުކޮށްފައިވަނީ ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބާއި އެމަނިކުފާނުގެ ބޮޑީ ގާރޑުން ދެމީހުން ކަމަށްވާ ޙަސަން ރިކާޒާއި އަޙުމަދު ޢާމިރު ބައިވެރިވެގެންނެވި ކަމަށެވެ. އަދި މި އައިއީޑީ ގޮވުމުގެ ސަބަބުން ލޯންޗްގައި ދަތުރުކުރި އެކި ފަރާތްތަކަށް އަނިޔާވެ، ލޯންޗްކޮޅަށް ގެއްލުންވެފައިވާތީ އަދީބާއި އެމަނިކުފާނުގެ ދެ ބޮޑީ ގާރޑުންގެ މައްޗަށް ޓެރަރިޒަމް ކުށުގެ ދަޢުވާ އުފުލުމަށް ކޯޓަށް މިއަދު ހުށައަޅުއްވާފައިވާކަމަށެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބާ ދެކޮޅަށް ދައުލަތުން ވަނީ ރަސްމީ ޙައިސިއްޔަތު ނަހަމު ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާވެސް އުފުއްލަވާފައެވެ. މި ދަޢުވާގައި ވަނީ އަޙުމަދު އަދީބާއި އިތުރު ބަޔަކު ބައިވެރިވެގެން ރިޔާސީ ލޯންޗުކޮޅުގައި އައިއީޑީ ހަރުކުރުމަށްޓަކައި އަދީބަށް ލިބިވަޑައިގެންފައިވާ ރަސްމީ ޙައިސިއްޔަތު ބޭނުންކުރައްވައިގެން ފިނިފެންމާ ލޯންޗަށް އަރާވަޑައިގެންފައިވާކަމަށެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އެންއެންޑީއެފްގެ އެސްޕީޖީގެ ކުރީގެ ވެރިޔާ އަދި ބަޑި ގުދަނުގެ އިސްވެރިޔަކަށް ހުންނެވި ކާރނަލް އަޙުމަދު ފަޔާޒް ޢަލީ ރިޟާގެ މައްޗަށްވެސް ދައުލަތުން ދެ ދަޢުވާއެއް އުފުލައްވާފައިވެއެވެ. އެނާގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފައެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި ޢަދުލްއިންސާފް ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ.

މީގެތެރެއިން ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާގައި ވަނީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ޙާދިސާ ތަޙުޤީޤްކުރުމަށް، އެކަން ހިންގި ތަނަށް ދިޔަ ފުލުހުން ލޯންޗުކޮޅަށް އެރުން މަނާކުރައްވައި، އެމީހުންގެ ވާޖިބު އަދާކުރުމަށް އަޙުމަދު ފަޔާޒު ހުރަސް އަޅުއްވާފައިވާކަމަށެވެ.

ކާރނަލް އަޙުމަދު ފަޔާޒްގެ މައްޗަށް ދައުލަތުން އުފުއްލެވި ޢަދުލްއިންސާފް ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާގައި ވަނީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ސަރަޙައްދަށް ގޮސް، އެތަނުގައި ޙަރަކާތްތެރިވަމުން ދިޔަ ސިފައިންނަށް އަމުރު މަޢުރޫފް ހިންގަވައި، އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންދެވުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެއްހެއްޓުމަށް އެކަށީގެންވާ ގޮތުގައި ފިޔަވަޅު އަޅުއްވާފައިނުވާ ކަމަށެވެ. އަދި ފަޔާޒްގެ އަމުރަށް ލޯންޗކޮޅަށް ސިފައިމްގެ ދެމީހުންކަމަށްވާ އަޙުމަދު ތިހާމާއި މޫސާ ޒަމީރު ލޯންޗްކޮޅަށް އަރާ ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާ ގުޅުންހުރި ވަޞީލަތްތައް ބޭނުންކުރުމަކާއި ނުލާ އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެތި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާކަމަށެވެ.

މި މައްސަލާގައި ޢަދުލްއިންސާފް ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އަޙުމަދު ތިހާމްއާއި މޫސާ ޒަމީރުގެ މައްޗަށްވެސް އުފުއްލަވާފައިވެއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ތުހުމަތުކުރެވޭ އެހެނިހެން ފަރާތްތަކުގެ މައްޗަށާއި މިހާރު ދަޢުވާ އުފުލިފައިވާ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރަން ހެކި ލިބިފައިވާ އެހެނިހެން ދަޢުވާތައްކުރެއްވުމަށްޓަކައި އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުލުހުންނާ ގުޅިގެން ކުރައްވަމުން ގެންދަވާކަމަށެވެ.