ކުޅިވަރު

މާދަމާގެ މެޗަކީ ދެ ޓީމަށްވެސް ފައިނަލެއް - ކޯޗް ސުޒޭން


އޭއެފްސީ ކަޕްގައި މާދަމާ ސައުތު ޗައިނާއާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނަނީ އެ މެޗަކީ ނޮކްއައުޓް މެޗެއްގެ ގޮތުގައި ދެކިގެންކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

އޭއެފްސީ ކަޕްގައި މާދަމާ ހޮންގކޮންގގެ ސައުތް ޗައިނާއާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ކޯޗް އަލީ ސުޒޭން ބުނީ އަމިއްލަ ދަނޑުގައި މާދަމާ ސައުތް ޗައިނާގެ މައްޗަށް ކުރި ނުހޯދިއްޖެނަމަ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށެވެ. 

ކޯޗް ސުޒޭން ބުނީ މާދަމާގެ މެޗަށް ނިކުންނަނީ  ފައިނަލެއްގެ ގޮތުގައި ދެކިގެންކަމަށެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި މިޔަންމާގެ ޔަންގޮންގ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ޓީމަށް ދިމާވި މައިގަނޑު މައްސަލައަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުންކަމަށާއި މާދަމާގެ މެޗުގައި އެކަމަށް ހައްލެއް ލިބޭކަމަށް އުއްމީދުކުރާކަމަށް ކޯޗް އަލީ ސުޒޭން ބުންޏެވެ.

"ކުރިން މެޗުގައި ދިމާވި މައްސަލައަކީ ފުރުސަތުތަކުގެ ބޭނުން ނުކުރެވުން، މާދަމާގެ މެޗަށް މި ނިކުންނަނީ ނޮކްއައުޓް މެޗެއްގެ ގޮތުގައި ދެކިގެން، އެހެންވީމަ އެކަމަށް ހައްލެއް ލިބޭނެކަމަށް މި ބަލަނީ"  ސުޒޭން ބުންޏެވެ.

އެންމެ ފަހުން މާޒިޔާ އޭއެފްސީކަޕްގައި ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ޓީމްގެ ކެޕްޓަން އަސަދުﷲ އަބްދުﷲ މާދަމާގެ މެޗަށް ފިޓްވެފައިވާކަމަށާއި، މާދަމާގެ މެޗުގައި މިޑްފިލްޑާރ އައްސަދު އަލީ ފުރަތަމަ އެގާރައިން ފެންނާނެކަމަށްވެސް އޭނާ ބުންޏެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ އަނިޔާއަށްފަހު އޭނާ ޓީމާއި ބައިވެރިވެވޭތީ ހިތްހަމަޖެހިފައިހުރިކަމަށާއި، މާދަމާގެ މެޗަށް ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ނިކުންނަނީ ތިން ޕޮއިންޓް ހޯދަންކަމަށެވެ.

"ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗުން ތިން ޕޮއިންޓް ހޯދަން ތައްޔާރުވެގެން، އަނިޔާއިން އެއްކޮށް ރަނގަޅުވެ ޓީމާއިއެކު ފަރިތަކުރަމުން މި އަންނަނީ" އަސަދުﷲ ބުންޏެވެ.

މާދަމާގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ސައުތް ޗައިނާގެ ކޯޗް ކަސެމީރޯ ބުނީ ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު ފުރަތަމަ ދެ މެޗުންވެސް ބަލިވެފައި އޮތުމަކީ މާދަމާގެ މެޗަށް ނިކުންނައިރު ޓީމަށް ދިމާވެފައިވާ މައްސަލައެއްކަމަށެވެ. މޫސުމުގެ ސަބަބުންވެސް ޓީމަށް އުނދަގޫކުރިމަތިވާނެކަމަށާއި، މާޒިޔާ އަދި އެ ޓީމަށްވެސް މޮޅުވާން މަޖުބޫރު މެޗަކަށް މާދަމާގެ މެޗްވުމަކީ މެޗް ފޯރިގަދަވާނެ އިތުރު ސަބަބެއްކަމަށެވެ.

"ހަމަ ޔަގީނުން މޫސުން މައްސަލައަކަށްވާނެ، ޖެހިޖެހިގެން ދެ މެޗުން ބަލިވެފައި އޮތުމަކީ ޓީމަށް ދިމާވެފައިވާ މައްސަލައެއް، އެކަމަށް ހައްލެއް ލިބެން އޮތީ މާދަމާގެ މެޗް ކާމިޔާބުކޮށްގެން" ކަސެމީރޯ ބުންޏެވެ. 

އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އަދި ހޮންކޮންގގެ ސައުތް ޗައިނާ ވާދަކުރާ މެޗް ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ. މިމެޗް ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭނެއެވެ،