ކުޅިވަރު

ލީގްސް ކަޕް: މެސީ އާއި އަލްބާގެ ލަނޑުތަކާއެކު މަޔާމީ ފައިނަލަށް


މިހާރު ކުރިއަށްދާ ލީގްސް ކަޕުގެ ސެމީ ފައިނަލުގައި ފިލަޑެލްފިއާ ޔޫނިއަން ބަލިކޮށް، މުބާރާތުގެ ފައިނަލުން އިންޓަރ މަޔާމީ ޖާގަ ހޯދައިފިއެވެ.

މިއަދު ފަތިހު ކުޅުނު މި މެޗު މަޔާމީން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ތިންވަނަ މިނިޓުގައި އިންޓަ މަޔާމީއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ޖޯސެފް މާޓިނޭޒް އެވެ. އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ލިއޮނަލް މެސީ އެވެ. މެޗުގެ 20 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެން މެސީ މި ލަނޑު ކާމިޔާބުކުރި އިރު، މިއީ މެސީ އެޓީމަށް މިހާތަނަށް ކުޅެދިން ހަ މެޗުން ކާމިޔާބުކުރި ނުވަވަނަ ގޯލެވެ.

މިދިޔަ އަހަރުގެ އެމެރިކާ ލީގު ޗެމްޕިއަން ފިލަޑެލްފިއާ ކޮޅަށް އިންޓަ މަޔާމީގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޯޑީ އަލްބާ ކާމިޔާބުކުރި އިރު އޭނާ ވަނީ މި މެޗުގައި ލަނޑުޖަހަން ވެސް އެހީތެރިވެދީފައެވެ. މިއީ އިންޓަ މަޔާމީއަށް ބަދަލުވިފަހުން އަލްބާ ކާމިިޔާބުކުރި ފުރަތަމަ ލަނޑެވެ. އިންޓަ މަޔާމީ އިން ވަނީ 84 ވަނަ މިނިޓުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މިި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރުއިޒް އެވެ.

ފައިނަލަށް ދަތުރުކުރުމާއެކު އިންޓަ މަޔާމީ މި ވަނީ އަންނަ އަހަރުގެ ޗެމްޕިއަންސް ކަޕުން ޖާގަ ހޯދާފައެވެ. މިއީ ކޮންކާކަފް ސަރަހައްދުގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތެވެ.

ލީގްސް ކަޕްގެ ފައިނަލްގައި އިންޓަ މަޔާމީ އާއެކު ބައްދަލުކުރާ ޓީމަކީ ނަޝްވިލް އެވެ. މި މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 6 ޖަހާއިރު އެވެ.