ދުނިޔެ

ބެންކޮކްގައި ހިނގި ކެމިކަލް ލީކް ވުމުގެ ޙާދިސާ


ތައިލޭންޑްގެ ބެންކޮކްގައި ހުންނަ ސިއަމް ކޮމާރޝަލް ބޭންކް ޢިމާރާތުގައި ހިނގި ކެމިކަލް ލީކް ވުމުގެ ހާދިސާއެއްގައި 8 މީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭ މިއިމާރާތުގެ އަލިފާން ނިއްވާ ސިސްޓަމްގެ މަސައްކަތެއް ކުރަމުން ދަނިކޮށްކަމަށް އޮފިޝަލުން މައުލޫމާތުދެއެވެ.

ސިއަމް ކޮމާރޝަލް ބޭންކްގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއަރމަން ވިދާޅުވީ މިހާދިސާ ހިނގީ އަލިފާން ނިއްވަން ބޭނުންކުރާ ގޭސް ފުޅިއަކުން ލީކްވުމުގެ ސަބަބުން މީހުން ނޭވާ ހާސްވެގެން ކަމަށެވެ. މިހާދިސާގައި އަނިޔާވި 7 މީހުންނަށް މިހާރު ދަނީ ފަރުވާދެމުންނެވެ.

ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އަލިފާން ނިއްވާ ސިސްޓަމް ހަރުކުރާ ކުންފުނިން އެރޭ އެސް.ސީ.ބީގެ މަސައްކަތްކުރަމުން ދިޔަ މީހުންނާއި ބޭންކްގެ ސެކިއުރިޓީ ބަލަހައްޓަން ތިބި މީހުން ކަމަށް އޮފިޝަލުން މައުލޫމާތުދެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެސް.ސީ.ބީގެ ޢިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެކަކު ވަނީ މަރުވެފައެވެ.