ސިއްހަތު

އައިޖީއެމްއެޗް ތަރައްޤީކުރުމަށް ބޭރުގެ ކުންފުނިތަކުގެ އެހީ ހޯދަނީ


އައި.ޖީ.އެމް.އެޗުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ހޮސްޕިޓަލު އިތުރަށް ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ބޭރުގެ މަޝްހޫރު ކުންފުނިތަކުގެ އެހީތެރިކަން ހޯއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ސުނާމީ ބިނާ މައިޒާން" ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ ބޭއްވެވި ޖަލްސާގައި އައި.ޖީ.އެމް.އެޗް ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، ހޮސްޕިޓަލުގެ ހުރިހާ ކަމެއް ދައުލަތުން އެކަނި ކުރަންވެއްޖެނަމަ، ރައްޔިތުން އެންމެ ބޭނުންވާ ފަދަ ޚިދުމަތްތަކެއް ފޯރުކޮށް ނުދެވިދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، އައި.ޖީ.އެމް.އެޗް ތަރައްޤީކުރެވިގެންދާއިރު، އެތަނުގެ އެކި ޑިޕާޓްމަންޓްތައް ހިންގުމަށް ބޭރުގެ މަޝްހޫޫރު ކުންފުނިތަކަށް ހުޅުވާލުން ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ރިހެބިލިޓޭޝަން ތެރަޕީ ނުވަތަ ފިޒިއޯތެރެޕީ ޔުނިޓް ތަރައްޤީކުރުމަށް ޔޫރަޕްގެ މަޝްހޫރު ކުންފުންޏެއްގެ ހުށައެޅުން މިހާރުވެސް ލިބިފައިވާކަމަށާއި، އެކުންފުނިން ހުށައަޅާފައިވާ ޕްރޮޕޯޒަލް އިވެލުއޭޓްކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޔާމިން ވިދާޅުވީ، ސަރުކާރުގެ އުއްމީދަކީ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ 25 ބުރީގެ އައު އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު، މުޅި މި ސަރަޙައްދުގައިވެސް ސިއްޙީ ޙިދުމަތްދޭ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ރާއްޖޭގައި ޤާއިމުވެގެން ދިއުންކަމަށެވެ.

"އަޅުގަނޑު ދިރާސާކުރަމުން މިދަނީ އެ ޕްރޮޕޯޒަލް. އަޅުގަނޑު ބޭނުންވަނީ އައި.ޖީ.އެމް.އެޗްގެ ފިޒިއޯތެރެޕީ ޑިޕާޓްމަންޓް މިދެންނެވި ދުނިޔޭގެ ނަން މަޝްހޫރު، ނޫނީ ދުނިޔޭގެ އެއް ވަނަ، ދެވަނަ، ތިން ވަނައިގައި ފާހަގަކުރެވޭ ބަޔަކާއި ހަވާލުކުރަން. އަޅުގަނޑުމެންގެ ރައްޔިތުންވެސް ބަލިވީމަ ފެންވަރު ރަނގަޅު އަދި އެންމެ މޮޅު ފަރުވާ ބޭނުންވާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ޒަޢާމަތުގައި ރައްޔިތުން އެދޭ އެންމެ މޮޅު ސިއްޚީ ފަރުވާ ހަމަދޭނީ މި ސަރުކާރުން" ރައީސް ޔާމިން ވިދާޅުވިއެވެ."

ރައީސް ޔާމީިން ވިދާޅުވީ، ރިހެބިލިޓޭޝަން ތެރަޕީގެ ޚިދުމަތް ދެވޭނެ ފަދަ ގޮތަކަށް މުޅި އައި.ޖީ.އެމް.އެޗް ހިމެނޭ ސަރަޙައްދު ބަދަލުކޮށްލުމަކީ ސަރުކާރުގެ ވިސްނުންފުޅެއްކަމަށެވެ. އަދި ރަސްފަންނާއި، ސުނާމީ ބިނާ މައިޒާންފަދަ ތަންތަން ތަރައްޤީކުރެވުމުގެ ބޭނުމަކީވެސް، ރައްޔިތުންނަކީ ހަމައެކަނި ހޮސްޕިޓަލުގެ ފަރުވާ ކުރާ މޭޒުތަކުން ޚިދުމަތް ލިބޭ ބައެއްގެ ބަދަލުގައި، ސާފުވައިލިބޭ، ހިތްފަސޭހަ ތަނަކުން ޚިިދުމަތް ލިބިގަންނަ ބަޔަކަށް ހެއްދެވުމަށްކަމަށެވެ. އަދި ދުނިޔޭގެ ކުރި އަރާފައިވާ ޤައުމުތަކުގައިވެސް ފިޒިއޯތެރަޕީ ފަދަ ޚިދުމަތްތައް ދިނުމުގައި ކަންކުރައްވާ އުސޫލަކީ މިއީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައި.ޖީ.އެމް.އެޗްއަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން، 25 ބުރީގެ އާ ޢިމާރާތެއް އެޅުމުގެ މަސައްކަތްކުރުމަށް ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ ޝެންހުއާ ކޮންސްޓްރަކްޝަނާއި ސަރުކާރުން ވަނީ ހަވާލުކުރައްވާފައެވެ. މި އައު އިމާރާތުގައި ޗައިލްޑް ކެއަރ ސެންޓަރަކާއި، ޖިމާއި، ރިހެބިލިޓޭޝަން ސުއިޓެއްވެސް ހިމެނެއެވެ. އަދި ހައިޑްރޯ ތެރަޕީ ސުއިޓެއް ގޮތުގައި ބޭނުންކުރާނެ ސްވިމިންގޕޫލްވެސް ހިމެނެއެވެ. ޖުމްލަ 140 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން އަޅުއްވާ 25 ބުރީގެ މި ޢިމާރާތް ނިންމަވައި 2018 ވަނަ އަހަރު ބޭނުންކުރަން ފެށޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.