ސިޔާސީ

ޤާނޫނަށް ބަދަލުގެންނަން ބޭނުންނަމަ އެކަން ހުށައެޅުމަށް ގޮވާލައިފި


ރާއްޖޭގެ ސިޔާސީ މަސްރަޙްގުގައި މިހާރުހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން ފަށްޓަވާފައިވާ މަޝްވަރާގެ މޭޒު ކައިރިއަށްވަޑައިގެން ޤާނޫނަށް ގެންނަން ބޭނުންވާ ބަދަލެއްވާނަމަ އެކަން ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިކަމަށް ގޮވާލެއްވީ "ސުނާމީ ބިނާ މައިޒާން" ހުޅުވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ސަރުކާރުން ކަންކަން ކުރަމުން ގެންދަނީ ހުރިހާ ހައްޤުތަކަކަށްވެސް އިޚްތިރާމް ކުރައްމުން ކަމަށެވެ. އެހެންކަމުން ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާފައިވާ މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮންނަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި މައްސަލަތަކަށް ހައްލު ހޯދުމަށް އެމްޑީޕީއާއި އަދާލަތު ޕާޓީވެސް މަޝްވަރާގެ މޭޒަށް އައުމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ގޮވާލެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި މަޝްވަރާގެ މޭޒު ކައިރިއަށް އައުމަށް އިދިކޮޅު ފަރާތްތަކުން ފަސްޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ސިޔާސީ ބައެއް ލީޑަރުންނަށް މިހާރު ތަހައްމަލު ކުރައްވަމުން ގެންދަވާ ކަންކަމާ ގުޅޭ ގޮތުން ވާހަކަދެއްކޭނީ ސަރުކާރަށް އެފުރުޞަތު ދެއްވައިގެންކަމަށާއި، ރާއްޖޭގެ ޤާނޫނަށް ބަދަލު ގެންނަން ބޭނުންނަމަ، އެކަމެއް މަޝްވަރާގެ މޭޒަށް ވަޑައިގެން ހުށައެޅުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ. އަދި ޖިނާއީ ޢަދުލުގެ ތެރެއިން ވަކި ފަރާތްތަކެއް އިސްތިސްނާ ކުރަން ބޭނުންނަމަ އެކަން ވެސް މަޝްވަރާތަކަށް ހުށައެޅުއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު ޤައުމުގައި ހިނގަމުންދާ ބައެއް ކަންކަމާއިގުޅިގެން ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކާއި ގުޅިގެން އަބަދުވެސް ތިބެންޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށެވެ. ބައެއް ޖަމާޢަތްތަކާއި ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ވާހަކަތައް ދައްކަމުންދާއިރު، މިކަންކަމުން ސަލާމަތްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަދު ރާއްޖެ ބަދުނާމުކޮށް މުޅި ނިޒާމް ހަލާކުުުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުން ގެންދާކަމަށާއި، ސަރުކާރާއި ވެރިންގެ ބޮލުގައި ތަފާތު އިލްޒާމްތައް އަޅުއްވާ ތަރައްޤީ ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށެވެ.

ދިވެހިންނަކީ މުސްލިމުންކަމަށާއި، އެހެންކަމުން އެފަދަ ދޮގު ވާހަކަތައް ދެއްކުމަށް ފުރުޞަތު އެފަރާތްތަކަށް ނުދިނުމަށް މިނިސްޓަރ މުޢިއްޒު ގޮވާލެއްވިއެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއިގުޅޭގޮތުން ސަރުކާރާއިއެކު މަޝްވަރާކޮށް ހުރި މައްސަލަތައް ހައްލުކުރުމަށް ސިޔާސީ ހަ ޕާޓީއަކަށް މަޝްވަރާތަކަށް ދަޢުވަތުދެއްވާފައެވެ.