ސިޔާސީ

މަޝްވަރާތަކަށް އެމްޑީޕީއަށް 4 ވަނަ ފަހަރަށް ދަޢުވަތު ފޮނުވައިފި


ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އިދިކޮޅު އެމްޑީޕީއަށް ސަރުކާރުން އަނެއްކާވެސް ދައުވަތު ދެއްވައިފިއެވެ.

ސަރުކާރުން މިއަދު އެމްޑީޕީއަށް ފޮނުއްވެވި ދައުވަތުގައި ވަނީ އެމްޑީޕީގެ ހުރި ކަންބޮޑުވުންތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް މާދަމާ މެންދުރުފަހު 2:30ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށެވެ. މިއީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމްޑީޕީއަށް ސަރުކާރުން ދައުވަތު ފޮނުއްވި 4 ވަނަ ފަަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީންގެ އިސްނެގެވުމާާއިއެކު، ކުރިއަށްގެންދަވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަކީ، ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ކަންބޮޑުވުންތަކަކަށްވެސް ޙައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވަވާ މަޝްވަރާތަކެއްކަމަށެވެ.

މި މަޝްވަރާތަކަށް ސަރުކާރުން އިސްނަންގަވާފައިވަނީ، ހުރިހާ ފަރާތްތަކަކަށް އިތުބާރުހިފޭ މާޙައްއުލެއް ޤާއިމްކޮށް، ރައްޔިތުންގެ ހެވާއި ލާބައާއި، މަންފާއަށް މަސައްކަތްކުރުމަށް ކަމަށްވާތީ، ހެޔޮ ނިޔަތުގައި ސަރުކާރުން ކުރިއަށްގެންދަވާ މި މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވެވަޑައިގަތުމަށް ސަރުކާރުން އިލްތިމާސްކުރައްވައެވެ.

ސަރުކާރުން މިހާތަނަށް ސިޔާސީ ޕާޓީތަކާއި އެކު 3 މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީން އެއްވެސް މަޝްވަރާއެއްގައި ބައިވެރިވެފައެއްނުވެއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަންފީޒްކުރައްވަމުން ގެންދަވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމަށް ލުޔެއް ދެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސަރުކާރުން އެމްޑީޕީއަށް ވަކިން ފޮނުއްވެވި ދަޢުވަތުވެސް އެޕާޓީން ޤަބޫލްކޮށްފައެއްނުވެއެވެ.

ސަރުކާރާއެކު މަޝްވަރާކޮށްގެން ސިޔާސީ މަސްރަޙަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް އިދިކޮޅު އެމްޑީޕީން ފަސްޖެހެމުންދާކަމަށް ސަރުކާރުގެފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާ މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވަނީ ވިދާޅެފައެވެ. އަދި ސިޔާސީ މަޝްވަރާތަކަށް އިދިކޮޅު އެމްޑީޕީން އެއްބާރުލުން ނުދިން ނަމަވެސް ރައްޔިތުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް މަޝްވަރާތައް ބާއްވަން ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތައް ފެންނާނެ ކަމަށާއި، އދ.އާއި ބޭރުގެ ފަރާތްތަކުގެ އެހީ ހޯއްދަވައިގެން ހުރިހާ ޕާޓީއެއް މަޝްވަރާގެ މޭޒުގެ ކައިރިއަށް ގެނައުމަށް އަދިވެސް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ޝައިނީ ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު އެމްޑީޕީން ބުނަމުން ދަނީ ރައީސް ނަޝީދަށް ލުއެއް ދިނުމަށް ސަރުކާރާއި އެކު މަޝްވަރާކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށެވެ. އަދި މަޝްވަރާތަކުގައި ބައިވެރިވާނީ އެޕާޓީން ސިޔާސީ ކުށްވެރިންކަމަށް ބުނާ ސިޔާސީ ލީޑަރުން ދޫކޮށްލުމުންކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ބުނަމުންނެވެ.