ޚަބަރު

4 ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބިން ހަވާލުކޮށްފި


  • 4 ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބިން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި

  • މި ރަށްރަށުގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލްތަކެއް

ހަތަރު ރަށެއްގައި ތަރައްޤީކުރާ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ. ބިން ހަވާލުކުރީ
ތުލުސްދޫއާއި މިލަންދޫއާއި ވެލިދޫގެ އިތުރުން ފުނަދޫގައި ތަރައްޤީކުރާ ހޮސްޕިޓަލް އިމާރާތްކުރުމަށެވެ.

އަތޮޅުތެރޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ރަށްރަށުގައި އިތުރު ހޮސްޕިޓަލް ތަރައްޤީކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކުވެއިތު ފަންޑުގެ އެހީގެ ދަށުންވެސް ބައެއް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ. މީގެތެރޭގައި ހިމެނޭ ތުލުސްދޫއާއި މިލަންދޫއާއި ވެލިދޫގެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބިން ކޮންޓްރެކްޓަރާއިވަނީ ހަވާލުކުރައްވާފައެވެ.

މިތިން ރަށުގެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަވާލުކުރައްވާފައިވަނީ އާނަންޑް ބިލްޑް ޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މިރަށްރަށުގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ. މި 3 ހޮސްޕިޓަލްގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައި ދޮޅުއަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ސަރުކާރާއި ހަވާލުކުރާގޮތަށެވެ.

ބިން ހަވާލުކުރި ފުނަދޫގެ ހޮސްޕިޓަލް ތަރައްޤީކުރަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެޒިންކް ޕްރައިވެޓް ލިމިޓެޑުންނެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި 135 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ދޮޅު އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް އަތޮޅު ތެރޭގައި ކުރިއަށްގެންދާ އެންމެ މުހިއްމު މަޝްރޫޢަކީ ހޮސްޕިޓަލް ނެތް ރަށްރަށުގައި ހޮސްޕިޓަލް ތަރައްޤީކުރުމެވެ. އަދި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ހުރި ރަށްރަށުގައި ދެމުންދާ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. މީގެއިތުރުން 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެކެވެ. ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކުގެ ސަރަޙައްދީ ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުތަކާއި ސިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ހިންގި އެކި މަޝްރޫޢުތަކުގެ ތެރެއިން ވިއްސަށްވުރެ ގިނަ މަޝްރޫޢުގެ މަަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.