ޚަބަރު

ލޮނު ގަނޑު ތަޣައްޔަރުވުމުން ސްވިމިން ޓްރެކް ބަންދުކޮށްފި


  • ސްވިމިންގް ޓްރެކް ބަންދުކޮށްފައިވަނީ އެޗްޕީއޭގެ އިރުޝާދަށް

  • ޓްރެކް ތަޣައްޔަރުވަނީ ނަރުދަމާ އައުޓްފޯލް އެ ސަރަޙައްދު ބޭރަށް އަޅާފައި އޮންނާތީ

  • މި މައްސަލަ އަބަދުވެސް ކުރިމަތިވޭ

  • ދާއިމީ ޙައްލެއް ހޯދަން ދަނީ މަޝްވަރާކުރަމުން

މާލޭގެ ސްވިމިން ޓްރެކްގައި ނަޖިހުގެ އަސަރު އިތުރުވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުމަށް ޓްރެކް ބަންދުކޮށްފިއެވެ.

ސްވިމިން ޓްރެކް ބަންދުކުރީ މާލޭގެ ޓްރެކް ސަރަޙައްދު މޫދުގެ ރައްކާތެރިކަން ބެލުމަށް އެޗްޕީއޭއިން އެންމެ ފަހުން ހެދި ޓެސްޓުގައި، ފެނުގެ ތަޣައްޔަރުކަން ވަރަށް ބޮޑަށް އިތުރުވުމުންނެވެ. އެހެންކަމުން ފެނުގެ ތަޣައްޔަރުކަން ދަށަށް ދަންދެން ޓްރެކް ސަރަޙައްދު ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

ސްވިމިންގ ޓްރެކް ސަރަހައްދުގައި ނަޖިހުގެ އަސަރު ބޮޑުވަނީ، މާލޭގެ ނަރުދަމާގެ އައުޓްފޯލް ހޮޅި އަޅާފައި އޮންނާނީ، މާލޭގެ އުސްފަސްގަނޑު ސަރަހައްދު ބޭރަށްކަމަށްވާތީ ކަމަށާއި، އޮއިވަރަށް އަންނަ ބަދަލުގައި، ޓްރެކް ސަރަޙައްދު މޫދަށް ނަޖިސް ވަދެ ތަޣައްޔަރުވާ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް އަލީ ވިދާޅުވީ، މީގެ ކުރިންވެސް މި މައްސަލަ ޓްރެކް ސަރަޙައްދަށް ދިމާވާކަމަށެވެ. އިސްމާއިލް ވިދާޅުވީ މިކަމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީންވެސް ފާހަގަކޮށްފައިވާތީ، ހެލްތު މިނިސްޓްރީއާއި ކަމާގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމާއި ގުޅޭގޮތުން މަޝްވަރާތައް ފަށާފައިވާކަމަށެވެ.

އެގޮތުން ސްޕޯޓްސް މިނިސްޓްރީއާއި، ހެލްތާއި ޕްލޭނިން މިނިސްޓްރީ އަދި އެމްޑަބްލިއުއެސްސީފަދަ ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ. މިމަޝްވަރާތަކުގައި މާލޭގެ ނަރުދަމާ އައުޓްފޯލް ހޮޅި، ރައްކާތެރި އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންދިޔަކަމަށެވެ. އެހެންކަމުން މިކަމަށް ދާއިމީ ޙައްލެއް ހޯދުމަށް ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރެކް ސަރަޙައްދަކީ ސްވިމިންގ އެސޯސިއޭޝަނުންވެސް ބޭނުންކުރާ މައި ސަރަހައްދެވެ. އެގޮތުން މިސަރަހައްދަކީ ފަތަން ދަސްކޮށްދިނުމާއި، މުބާރާތްތަކާއި އަދި އާއްމުންވެސް މޫދަށް އެރުމަށް މާލޭގައި ބޭނުންކުރާ މައި އެއް ސަރަހައްދެވެ.