ސިޔާސީ

އެމް.އެމް.ޕީ.އާރ.ސީ ކޮރަޕްޝަންގެ ތަޙްޤީޤުގެ ބޮޑުބައި ނިމިއްޖެ


އެމް.އެމް.ޕީ.އާރ.ސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަޙްޤީޤްގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށާއި، މިހާރުކުރިއަށްދަނީ މިމައްސަލައިގައި ދައުލަތަށް ލިބިފައިވާ ގެއްލުން އިއާދަކުރެއްވުމަށްޓަކައި، އެފައިސާ ދައުރުވެފައިވާގޮތް ބެއްލެވުމުގެ މަސައްކަތްކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތުދެއްވަމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ އެމް.އެމް.ޕީ.އާރ.ސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަޙްޤީޤްގެ ބޮޑުބައެއް ނިމިފައިވީނަމަވެސް މިމައްސަލައާގުޅިގެން ފެންމަތިވަމުންދާ އިތުރު މައްސަލަތައްވެސް މިމައްސަލައިގެ ތެރެއިން ބައްލަވަމުންގެންދަވާކަމަށެވެ.

އެގޮތުން މިމައްސަލައިގެ ތަޙްޤީޤް ރިޕޯޓް ނެރުއްވާއިރު މިމައްސަލައިގައި ދައުލަތުގެ މާލިއްޔާއިން މަދުވެފައިވާ ފައިސާ އަނބުރާ ހޯދުމަށް ބޭނުންވާނެ މުހިއްމު މައުލޫމާތު ހިމަނުއްވާނެކަމަށް ލުޠުފީ ވިދާޅުވިއެވެ.

"އެމް.އެމް.ޕީ.އާރ.ސީގެ މައްސަލައަކީ މީޑިއާ ރިޕޯޓެއް ދޫކޮށްލާގޮތަށް އަޅުގަނޑުމެންނަށް ދޫކޮށްލެވޭނެ މައްސަލައެއްނޫން. މީގެތެރެއިން އެސެޓް ރިކަވަރ ކުރުމާ، ފައިސާދިޔަ އެކިއެކި މީސްމީހުންގެ އެކައުންޓްތައް ބެލުން ފަދަ ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ. ވަރަށް ގިނަ މީހުންނާ ސުވާލުކުރަން އެބަޖެހޭ. ތަޙްޤީޤަކީ އިޖްރަޢަތްތައް ފުރިހަމަކޮށްގެން ކުރިއަށްގެންދަންޖެހޭ ކަމެއްކަމަށް ވާތީ ތަޙްޤީޤް ދިގުލައިގެންދަނީ." ލުޠުފީ ވިދާޅުވިއެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އޭސީސީގެ ރައީސް ވިދާޅުވީ މިމައްސަލައިގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލަޤައްޔޫމާ ސުވާލުކުރައްވަން ޖެހިވަޑައިގެންފިނަމަ އެކަންވެސް ކުރައްވާނެކަމަށާއި، އެކޮމިޝަން ހިނގަމުންދަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި މިނިވަންކަމާ މުސްތަޤިއްލުކަމާއެކުކަމަށެވެ.

އެކޮމިޝަންގެ ނައިބުރައީސް މުޢައްވިޒް ރަޝީދު ވިދާޅުވީ މިމައްސަލައާ ގުޅިގެން ފްރީޒް ކުރައްވަންޖެހޭ ބައެއް އެކައުންޓްތައް ފުލުހުން މެދުވެރިކުރައްވައި ފްރީޒް ކުރައްވަމުންދާކަމަށެވެ. އަދި މިމައްސަލައާ ގުޅުންހުރި ބައެއް ފައިސާ ބޭރުގެ ބައެއް އެކައުންޓުތަކަށް ޖަމާކޮށްފައި ހުރިކަން ފާހަކުރެވިފައިވާތީ އެފައިސާގެ ތަފްސީލް ހޯއްދެވުމަށް ބޭރުގެ ބައެއް އޭޖެންސީތަކުން މައުލޫމާތު ހޯއްދަވަމުންދާކަމާށް މުޢައްވިޒް ވިދާޅުވިއެވެ.

"އެމް.އެމް.ޕީ.އާރ.ސީން މުޢާމަލާތްކޮށްފައިވާ 19 ފަޅަކާއި 49 ރަށަކާގުޅޭ މުޢާމަލާތްތައް އަޑުގަނޑުމެން ބަލާފައިވާނެ. މިހާތަނަށް 95 ފަރާތެއް ތަޙްޤީޤަށް ޙާޟިރުކޮށް ބަޔާން ނަގާފައިވާނެ. ބޭންކްތަކުން 238 ފަރާތެއްގެ މައުލޫމާތު ހޯދައި، އެ އެނަލައިޒް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ." – މުޢައްވިޒް

އެމް.އެމް.ޕީ.އާރ.ސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަޙްޤީޤް ރިޕޯޓް އާންމުކުރައްވާނެ ވަކި ތާރީޚެއް އޭސީސީން އަދި ހާމަކުރައްވައިފައެއް ނުވެއެވެ.