ކުޅިވަރު

އަލް ނަސްރު ފުރަތަމަ ފަހަރަށް އަރަބް ކަޕުގެ ފައިނަލަށް


ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން ފުރަތަމަ ފަހަރަށް އަރަބް ކުލަބު ޗެމްޕިއަންސް ކަޕުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފައިނަލުން އަލް ނަސްރު ޖާގަ ހޯދީ މުބާރާތުގެ ސެމީ ފައިނަލުގައި އިރާގުގެ އަލް ޝޯޓާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން ބިން އަބްދުލް އަޒީޒް ސްޓޭޑިއަމުގައި ކުޅުނު މެޗުގައި އަލް ނަސްރުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އަލް ނަސްރުން ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަލް ނަސްރުގެ ރޯނާލްޑޯ ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ކޮށްލާފައެވެ. އެކަމަކު މި މެޗުން އަލް ނަސްރު މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ރޮނާލްޑޯއެވެ. އެއީ މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީއަކީ އަލް ޝޯޓާގެ އޭރިއާ ތެރެއިން މެޗުގެ 72 ވަނަ މިނެޓުގައި ސެނެގާލުގެ ސަޑިއޯ މާނޭއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މިއީ އަލް ނަސްރުގެ ތާރީޚުގައި އަރަބް ކަޕުގެ ފައިނަލުން އެ ޓީމުގެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަރަބް ކަޕުގެ ފައިނަލުގައި މި މަހުގެ 12 ވަނަ ދުވަހު އަލް ނަސްރު ނުކުންނާނީ ވާދަވެރި އަލް ހިލާލާ ދެކޮޅަށެވެ. ފައިނަލުން އަލް ހިލާލް ޖާގަ ހޯދީ ސެމީ ފައިނަލުގައި އަލް ޝަބާބުގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ