ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ގެމަނަފުށީގެ ފެނުގެ ޚިދުމަތް ފައްޓަވައިދެއްވައިފި


  • ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތާއި ފެނަކަ އޮފީސްވެސްވަނީ ހުޅުއްވާދެއްވާފައި

  • ފެނަކަ އައު އޮފީހަކީ 30 މުވައްޒަފުންގެ ޖާގައިގެ ގިނަ ވަސީލަތްތަކާއެކު ޤާއިމްކުރި އޮފީހެއް

  • ގެމަނަފުށީ ސްކޫލުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް އިމާރާތްވެސް ހުޅުއްވައިދެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ގއ.ގެމަނަފުށީގެ ފެނުގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައިފިއެވެ. މިޚިދުމަތް އެމަނިކުފާނު ފައްޓަވައިދެއްވީ ގއ.އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެރަށަށް ވަޑައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ގެމަނަފުއްޓަށް ކުރެއްވި ދަތުރުފުޅުގައިވަނީ ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތާއި ފެނަކަ އޮފީހާއި އެރަށު ސްކޫލުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް އިމާރާތްވެސް ހުޅުއްވައިދެއްވައިދެއްވާފައެވެ.

ގެމަނަފުށީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ. އަދި ގެމަނަފުށީ އައު ފެނަކަ އޮފީހަކީ 30 މުވައްޒަފުންގެ ޖާގައިގެ ކުރިޔަށްވުރެ ގިނަ ވަޞީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ އޮފީސް އިމާރާތެކެވެ.

ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ. މިއިމާރާތުގައި އޮފީސްބައެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓް، ކޮންފަރެންސް ރޫމް، މެޑިކަލް ސްޓޯރ، ޖެނެރަލް ސްޓޯރ އަދި ގަރާޖާއި ލޯންޑްރީ ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ގެމަނަފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުންނެވެ.