ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ސޫރިޔާގެ ވެރިރަށް ދިމަޝްޤަށް ދިން ވަރުގަދަ މިސައިލް ހަމަލަތަކެއްގައި ސޫރިޔާގެ ސިފައިންގެ ހަތަރު މީހުން މަރައިލައިފިއެވެ. ދަންވަރުގެ ވަގުތުގައި ޔަހޫދީ އަސްކަރިއްޔާއިން ދިން މި ހަމަލަތަކުގައި އިތުރު ހަތަރު މީހުން ޒަޚަމުވެފައިވާ ކަމުގައި ސޫރިޔާއިން ބުނެއެވެ.
ސޫރިޔާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކާ ހަވާލާދީ ސަނާ ނޫސް އޭޖެންސީއިން ބުނީ ޔަހޫދީ އިސްރާޢީލުން ދިމަޝްޤަށް ހަމަލަދޭން ފޮނުވައިލި ބައެއް މިސައިލްތައް ސޫރިޔާގެ ދިފާޢީ ބާރުން ވައްޓައިލާފައިވާ ކަމުގައެވެ. ނަމަވެސް، ބައެއް ހަމަލަތަކުގައި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ވެސް ސަނާއިން ރިޕޯޓު ކޮށްފައިވެއެވެ.
ސޫރިޔާގެ އަމާޒުތަކަށް ހަމަލަދިނުމަކީ ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު އަސްކަރިއްޔާއިން އަލަށް ކުރާ ކަމެއް ނޫނެވެ. މި ފަދަ ހަމަލަތައް އަމާޒު ކުރަނީ އީރާނާ ގުޅުން އޮތް ހަތިޔާރު އެޅި ޖަމާޢަތްތަކަށް ކަމަށް އިސްރާޢީލުން ކުރިން ބުނެފައިވީ ނަމަވެސް، މި ފަހަރުގެ ހަމަލަތަކާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރަން ޔަހޫދީ ދަޢުލަތުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ހަމަލަތަކުގެ ޒިންމާ އުފުލާފައެއް ވެސް ނުވެއެވެ.
ޔަހޫދީ އިސްރާޢީލުގެ މިސައިލްތައް ދިމަޝްޤުގެ އަމާޒުތަކަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިޔޯތައް ސޫރިޔާއިން ވަނީ ޢާންމު ކޮށްފައެވެ. ފެބުރުވަރީ މަހުގެ ތެރޭގައި ވެސް ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ދިމަޝްޤަށް ވަރުގަދަ މިސައިލް ހަމަލަތަކެއް ދީފައިވެއެވެ. އެ ހަމަލަތަކުގައި ޢާންމުންގެ ހަތަރު މީހުންނާއި ސޫރިޔާގެ އަސްކަރިއްޔާގެ ސިފައިންގެ މީހަކު މަރުވިއެވެ.
ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ދިމަޝްޤަށް ހަމަލަދީފައި ވަނީ އަތްގަދަކޮށްފައިވާ ގޯލާންގެ އުސްބިންތަކުން ކަމަށް ސޫރިޔާގެ އަސްކަރިއްޔާއާ ހަވާލާދީ ސަނާއިން ރިޕޯޓު ކޮށްފައިވެއެވެ. 2011 ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައަށް ފަހު އެ ޤައުމަށް އީރާނުން ނުފޫޒު ފޯރުވާ މިންވަރު އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެ، އިސްރާޢީލުގެ އަސްކަރިއްޔާއިން ދަނީ ދޭތެރެދޭތެރެއިން އެ ޤައުމަށް ހަމަލާދެމުންނެވެ. ޔަހޫދީ އަސްކަރިއްޔާގެ ހަމަލަތައް ޢާންމު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ސޫރިޔާގެ އަސްކަރިއްޔާއާއި، އީރާނުގެ ފައުޖުތަކާއި ލުބުނާނުގެ މުޖާހިދުންގެ ޖަމުޢިއްޔާ ހިޒްބުﷲގެ އަމާޒުތަކަށެވެ. ނަމަވެސް، ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ވެސް ހަމަލަތައް އަމާޒުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
ޖަނަވަރީ މަހު ވެސް ޔަހޫދީ އިސްރާޢީލުން ވަނީ ދިމިޝްޤަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ދިމިޝްޤުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ހަތަރު މީހުން މަރުވިއެވެ. މަރުވި މީހުންގެ ތެރޭގައި ސޫރިޔާގެ ސިފައިންގެ ދެ މީހުން ހިމެނެއެވެ. ޖަނަވަރީ 2 ވަނަ ދުވަހު ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ ހިޒްބުﷲއާއި އީރާނަށް ނިސްބަތްވާ ހަނގުރާމަވެރިންނަށް ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
ސޫރިޔާއަށް ހަމަލާ ދިނުމަށް ފަހު އެ ކަމުގެ ޒިންމާ އުފުލަން ޔަހޫދީ އިސްރާޢީލުން ދެކޮޅު ހަދައެވެ. ނަމަވެސް، ސޫރިޔާގައި އީރާނުގެ ނުފޫޒު އިތުރުކުރަން ކުރާ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ކުރާނެ ކަމުގައި ޔަހޫދީ އިސްރާޢީލުން ދަނީ ބުނަމުންނެވެ. އަދި، ސޫރިޔާގައި ހިޒްބުﷲ ފަދަ ހަތިޔާރު އެޅި ޖަމާޢަތެއް އުފެއްދުމުގެ ފުރުޞަތު ނުދޭނެ ކަމުގައި ވެސް ޔަހޫދީން ދަނީ ބުނަމުންނެވެ.