ދުނިޔެ

އިރާނުން ކުރި މިސައިލް ޓެސްޓްތަކުގެ މައްސަލަ ބަލަން ގޮވާލައިފި


މިދިޔަ ހަފްތާގައި އިރާނުން ކުރި ބެލިސްޓިކް މިސައިލް ޓެސްޓްތަކުގެ މައްސަލަ ސީރިސް މައްސަލައެއްގެ ގޮތުގައި ބަލައި، އިރާނާމެދު ފިޔަވަޅު އެޅުމަށް އިސްރާއީލްގެ ބޮޑުވަޒީރު މެންޖަމިން ނަތަންޔާހޫ ދުނިޔޭގެ ބާރުތަކަށް ގޮވާލައިފިއެވެ.

މިދިޔަ ހަފްތާގައި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުން ކުރި ބެލިސްޓިކް މިސައިލް ޓެސްޓްތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ މަޞްރަޙުގައި ގިނަ ޤައުމުތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިގޮތުން އެމެރިކާއާއި، ފްރާންސް އަދި އެހެން ބައެއް ޤައުމުތަކުން، އިރާނުން ކުރި ބެލިސްޓިކް މިސައިލް ޓެސްޓްތަކަކީ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ފާސްކޮށްފައިވާ 2231 ވަނަ ނިންމުމާ ޚިލާފު ޢަމަލެއްކަމަށް ބުނެފައިވެއެވެ. އީރާނުން މިދިޔަ ހަފްތާގައި ކުރި ބެލިސްޓިކް މިސައިލް ޓެސްޓްތަކުގެ މައްސަލަ އދ.ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހަޅާނެކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

ނަތަންޔާހޫއަކީ އިރާނާއި ދުނިޔޭގެ ބާރުތަކުން ސޮއިކޮށްފައިވާ ނިއުކްލިއަރ އެޤްރީމަންޓާ ވަރަށް ބޮޑަށް އިދިކޮޅު ފަރާތެކެވެ. ޒަމާންތަކެއް ވަންދެން އެކަހެރިކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތް އިރާނަށް، އީރާނާއެކު ދުނިޔޭގެ ބާރުތަކުން ވީ ނިއުކްލިއަރ އެއްބަސްވުމުގެ ސަބަބުން ވަނީ ދުނިޔޭގެ ބާރުތަކުން ލުއެއްދީފައެވެ. ނަމަވެސް އިރާނުން ބުނާގޮތުގައި މިދިޔަ ހަފްތާގައި އެޤައުމުން ކުރި ނިއުކްލިއަރ ޓެސްޓްތަކަކީ އެޤައުމާއި ދުނިޔޭގެ ބާރުތަކާ ދެމެދު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމާ ޚިލާފުވާ ޓެސްޓްތަކެއް ނޫނެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ އިސް ކޮމާންޑަރު، ބްރިގޭޑިއަރ އަމީރު ޢަލީ ޙާޖީ ވިދާޅުވީ މިދިޔަ ހަފްތާގެ ބެލިސްޓިކް މިސައިލް ޓެސްޓްތަކަކީ ދިފާޢީ ޕްރޮގްރާމެއްގެ ދަށުން ކުރިއަށްގެންދިޔަ ކަމެއް ކަމަށެވެ. އަދި އެއްވެސް ސަބަބަކާ ގުޅިގެން އަދި ހުޅަނގުގެ ފިއްތުންތަކާ ގުޅިގެން އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓާނުލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.