މާދަމާ ފެށުމަށް ރޭވިފައިވާ ސޫރިޔާގެ ޞުލްޙައިގެ ވާހަކަތަކުގައި އެޤައުމުގެ ރައީސްގެ މަޤާމާއި އަދި ރިޔާސީ އިންތިޚާބާ ބެހޭގޮތުން މަޝްވަރާ ނުކުރާނެކަމަށް ސޫރިޔާގެ ސަރުކާރުން ބުނެފިއެވެ. މިކަމަށް ރައްދުދީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނީ ސޫރިޔާގެ ސަރުކާރުގެ ސަބަބުން އެޤައުމުގައި 5 އަހަރަށް ދިގުދެމިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމައަށް ޙައްލެއް ގެނައުމަށް ރޭވިފައިވާ މަޝްވަރާތައް ފެށުމުގެ ބުރުއަރާނެކަމަށެވެ.
ސޫރިޔާގެ ސަރުކާރުން، އދ.ން ސޫރިޔާއަށް ކަޑައަޅާފައި ހުންނަވާ މަންދޫބަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ސޫރިޔާގައި ދެމުން ގެންދާ ޙަމަލާތައް ވަގުތީ ގޮތުން ހުއްޓާލާފައި އޮތް އޮތުން ދާއިމީ އެއްބަސްވުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ދަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވަމުންނެވެ. ސޫރިޔާގެ ޞުލްޙައިގެ ވާހަކަތަކުގައި އެޤައުމުގެ ސަރުކާރުން ބައިވެރިވާނެކަމަށް އެޤައުމުގެ ޚާރިޖީ ވަޒީރު ވާލިދް އަލް-މުއައްލަމް ޔަޤީންކޮށްދެއްވާފައިވީ ނަމަވެސް އިދިކޮޅު ފަރާތްތަކުން މަޝްވަރާގައި ގަދަކަން ލިބޭނެކަމަށް އުންމީދުކުރާނަމަ މަޝްވަރާތައް ފެއިލްވާނެކަމުގެ އިންޒާރު މުއައްލަމް ދެއްވާފައިވެއެވެ.
މުއައްލަމް ވިދާޅުވީ ސޫރިޔާގެ ސަރުކާރުން ރިޔާސީ އިންތިހާބާއި ބެހޭ އެއްވެސް ވާހަކައެއް މަޝްވަރާގައި އެޖެންޑާ ކުރުމަށް ޤަބޫލްނޫންކަމަށެވެ. އަދި ރައީސްގެ މަޤާމާ ބެހޭގޮތުން މަޝްވަރާކުރުމަށް އެޖެންޑާކުރާނަމަ ޞުލްޙައިގެ މަޝްވަރާތަކަށް ނައުމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް މުއައްލަމް ގޮވާލައްވާފައިވެއެވެ. މާދަމާ ފެށުމަށް ރޭވިފައިވާ ސޫރިޔާގެ ޞުލްޙައިގެ މަޝްވަރާތައް ދިމާ މިވަނީ އެޤައުމުގެ ދާޚިލީ ހަނގުރާމައިގެ 5 އަހަރު ފުރޭ ދުވަހާއެވެ.