ޚަބަރު

މުސާރައިގެ ހެޔޮ ބަދަލު: ބިދޭސީ ޓީޗަރުން މަދުކުރުމުގެ ޢަމާޒަށް އަންނަނީ ވާސިލުވަމުން


  • ޓީޗަރުންގެ މުސާރަ ބޮޑުކުރެއްވީ މިދިޔަ އަހަރުގެ މޭ މަހު

  • ރާއްޖޭގައި 8000އަށްވުރެ ގިނަ މުދައްރިސުން ކިޔަވައިދޭ

  • މިދިޔަ ދެ އަހަރު ބިދޭސީ ޓީޗަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްކުރެއްވިފައި

21ވަނަ ޤަރުނަށް ފަރިތަ، ތަޢުލީމީ ޤާބިލު ޖީލެއް ބިނާކުރުމަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު މިހާރު އޮތް ގޮތަށް ބަދަލުގެނައުމުގެ އެންމެ ބޮޑު އަސާސެވެ. މިކަމުގެ އެންމެ ބޮޑު ދަޢުރެއް އަދި ޒިންމާއެއް އޮތީ، އުނގަންނައިދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންގެއެވެ.

ޤާބިލު ޓީޗަރުން އުފައްދާ، ތަޖުރިބާހުރި މުދަރިސުން ދާއިރާގައި ހަރުލެއްވުމަށް ސަރުކާރުން އެޅުއްވި އެންމެ މުހިންމު ފިޔަވަޅަކީ، މުދައްރިސުންގެ މުސާރައަށް ގެންނެވި ހެޔޮ ބަދަލެވެ. މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު މުރާޖާ ކުރައްވާ، މުސާރައަށް ބަދަލުގެންނެވީ މިދިޔައަހަރުގެ މޭ މަހުން ފަށައިގެންނެވެ.

ތަޢުލީމީ ދާއިރާގައި ކިޔަވައިދިނުމަށް ދިވެހިން ޝައުގުވެރިކަން އިތުރުކޮށް، ބިދޭސީ ޓީޗަރުންގެ ޢަދަދު މަދުކުރުމަކީވެސް މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނެވި އެއް ބޭނުމެވެ. 2019ވަނަ އަހަރުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މިކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިއަހަރުގެ ދިރާސީ އަހަރު ފެށިއިރު، މީގެ ހެޔޮ ބަދަލު ފެނިއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. އެއް ކަމަކީ މުސާރަކުޑަވެ ކުރިން، މި ދާއިރާ ދޫކޮށްލި ބައެއް މުދައްރިސުންވެސް އަލުން ސްކޫލްތަކާއި ގުޅިފައިވުމެވެ.

ސަރުކާރުގެ 200އަށްވުރެ ގިނަ ސްކޫލްގައި އަންނަނީ ތަޢުލީމުދެމުންނެވެ. ސްކޫލްތަކުގައި އަދި 8000އަށްވުރެ ގިނަ މުދައްރިސުން އަންނަނީ ކިޔަވައިދެމުންނެވެ.

މުދައްރިސުންގެ މުސާރައާއެކު ފެންނަމުންދާ ހެޔޮ ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙުމަދު އަލީ ވިދާޅުވީ، ބިދޭސީ ޓީޗަރުން މަދުކުރުމަށް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ޢަމާޒަށް ވާސިލުވެވެމުންދާތަން ފެންނަން ފަށާފައިވަކަމަށެވެ.

އެގޮތުން މުސާރައަށް ގެންނެވި ބަދަލުގެ އިތުރުން، ދިވެހި ޓީޗަރުންގެ ފެންވަރު މަތިކުރުމަށްވެސް ގިނަ ފުރުޞަތުތަކެއް ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަޙުމަދު އަލީ ވިދާޅުވީ، މިދިޔަ 2 އަހަރުގެ ތެރޭގައި ބިދޭސީ މުދައްރިސުންގެ ޢަދަދު ހިތްހަމަޖެހޭ މިންވަރަކަށް މަދުވެކުރެވިފައިވާކަމަށެވެ.

އަދި ކުރިއަށްއޮތްތަނުގައި މިދާއިރާއިން ތަޢުލީމު ޙާސިލްކުރާ މިންވަރު އިތުރުވެ، އެ އަދަދު ބޮޑުތަނުން ކުޑަކުރެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

"2019ވަނަ އަހަރަށް ބަލާއިރު 2000އަށްވުރެ ގިނަ ބިދޭސީން ޓީޗަރުން ހޯދަންޖެހުނު. އެހެންނަމަވެސް މި އަދަދު މިއަދު ހުރީ 1800ގައި. އެންމެ ބޮޑު ބަދަލެއް ފެނުނީ 2022، 2023ގައި. އެހެންވީމަ އަދިވެސް ބޮޑު ބަދަލެއް ފެންނާނެ." އަޙުމަދު އަލީ ވިދާޅުވިއެވެ.

މިއަހަރަށް ދިރާސީ އަހަރުފެށިއިރު، ދިވެހި މުދައްރިސުންގެ އަދަދަކީ 6516 އެވެ. އަދި ބިދޭސީ މުދައްރިސުންގެ އަދަދަކީ 1843 އެވެ.

އަދި މިއަހަރުގެ ދިރާސީ އަހަރަކީ ސްކޫލްތަކަށް މުދައްރިސުން ހަމަކުރުމުގައިވެސް ރެކޯޑެކެވެ. ހުރިހާ ސްކޫލްތަކަށްވެސް ބޭނުންވާ މުދައްރިސުން ވަނީ ހަމަކޮށްފައެވެ. ދަރިވަރުންގެ ގަޑިތައް ނުގެއްލޭނެކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ދެއްވައެވެ.

ސްކޫލްތަކަށް ބޭނުންވާ ދިވެހި ޕްރިންސިޕަލުން ތަމްރީންކުރުމުގެ ބޮޑު ޕްރޮޖެކްޓެއްވެސް އެޑިއުކޭޝަން މިނިސްޓްރީ ވަނީ ފައްޓަވާފައެވެ. އަޙުމަދު އަލީ ވިދާޅުވީ 2019ވަނަ އަހަރު، ގިނަ ސްކޫލްތަކެއްގައި ބޭރު ޕްރިންސިޕަލުން ތިބިކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަރަށް ބޮޑަށް ދަށްކުރެވިއްޖެކަމަށެވެ.

"މިހާރު ތިބި ބިދޭސީ ޕްރިންސިޕަލުންގެ އަދަދު 10އަށްވުރެ މަދު. 2019ވަނަ އަހަރު 28 ބިދޭސީ ޕްރިންސިޕަލުން ތިބި. ދިވެހި ޕްރިންސިޕަލުން ތަމްރީންކުރުމުގެ އިތުރު ޕްރޮގްރާމެއް މިއަހަރު ފަށާނަން." އަޙުމަދު އަލީ ވިދާޅުވިއެވެ.

ޒަމާނީ ތަޢުލީމަށް ދިވެހި މުދައްރިސުން ތަމްރީންކުރުމުގެ ގިނަ ޕްރޮގްރާމްތައް މިނިސްޓްރީން އަންނަނީ ހިންގަވަމުންނެވެ. އެގޮތުން މިދިޔަ ސްކޫލް ޗުއްޓީގައިވެސް، އިންޑިއާގައި 130 މުދައްރިސުންވަނީ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ. އަދި ޕްރިންސިޕަލުން ތަމްރީންކުރުމުގެ ޕްރޮގްރާމްވެސް ކުރިއަށްގެންދަނީ، ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ.

ދިރާސީ އައު އަހަރު ރާއްޖޭގެ ސްކޫލްތަކުގައި 84000އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.