ތަޢުލީމު

ރ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރަނީ


މާޅޮސްމަޑުލު އުތުރުބުރީގެ އަތޮޅު ތައުލީމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މަލްޓިޕާރޕަސް ހޯލެއް އިމާރާތްކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އާންމުކޮށް ހުޅުވާލި ފުރުސަތުގައި، ރ. އަތޮޅު ތައުލީމީ މަރުކަޒުގެ މަލްޓިޕާރޕަސް ހޯލު އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ދީފައެވެ. ބިޑު ހުޅުވުން މިމަހުގެ 29 ވަނަ ދުވަހު ބާއްވާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައެވެ. ރ. އަތޮޅު ތައުލީ މަރުކަޒުގެ އިތުރުން ރ. ރަސްމާދޫ ސްކޫލުގައި ހޯލެއް އިމާރާތްކުރުމަށްވެސް ފިނޭންސް މިނިސްޓްރީންވަނީ އިއުލާންކޮށްފައެވެ. 2013 ވަނަ އަހަރު ބިންގާ އެޅި ރަސްމާދޫ ސްކޫލު ހޯލުގެ މަސައްކަތް މި އަހަރު ކުރުމަށް ނިންމާފައިވާކަމަށް އެޑިޔުކޭޝަނުންވަނީ ހާމަކުރައްވާފައެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލްއަށް ކިޔަވައިދޭއިރު 400 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ. އަދި ރަސްމާދޫ ސްކޫލުގައި 100 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު އޯލެވެލްއާއި ހަމަޔަށް އެ ސްކޫލުންދަނީ ކިޔަވައިދެމުންނެވެ. ރ.އަތޮޅު މީހުން ދިރިއުޅޭ 15 ރަށުގައި ސަރުކާރުގެ 16 ސްކޫލެއް ހިންގައެވެ. އޭގެ ތެރެއިން މަލްޓިޕާރޕަސްހޯލެއް އިމާރާތްކޮށްފައިވަނީ އަލަށް އާބާދުކޮށްފައިވާ ދުވާފަރުގައި އެކަންޏެވެ.