ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ދޫކުރަން ހުޅުވާލި ފްލެޓަށް 13000ހާހެއްހާ މީހުން ޝަރުޠުހަމަވާ ކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، މިއަދުވަނީ ޝަކުވާއަށް ހުޅުވާލާފައެވެ.
'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި
ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުން ފޯމް ހުށައެޅިއެވެ.
ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަޙައްދުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކުރުންhttps://t.co/Vxhvida1qP
— Min.of National Planning, Housing & Infrastructure (@MoNPHImv) August 8, 2023
ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަންނަނީ ކުރައްވަމުންނެވެ. އަދި ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރައްވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުގެ ފުރުސަތު 22 އޯގަސްޓް 2023 ގެ ނިޔަލަށްވަނީ ހުޅުވާލާފައި.
ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓުގެ އެޅުމުގެ މަސައްކަތް އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކުރައްވައިގެން އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.
މި މަޝްރޫޢުގެ ހައުސިންގ ޔުނިޓްތައް ބެހިފައިވަނީ ޖުމްލަ 32 ޓަވަރަކަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ޔުނިޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.
މިއީ 17 ނުވަތަ 18 ފަންގިފިލާގެ ޓަވަރުތަކެވެ. މީގެތެރެއިން 13 ޓަވަރެއްގެ މަސައްކަތް ވަރަށް ބާރަށް މިވަގުތު އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އޭގެ ތެރެއިން އެއް ޓަވަރުގައި މީހުން ދިރިއުޅެން ހަވާލުކުރުމެވެ.
2.65 ބިލިއަން ރުފިޔާ ހަރަދުކޮށްގެން މާލެ ސަރަހައްދުގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއުއެއް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ މިދިޔަ ބުދަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.
މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަށް ހިންގާ 'ބިންވެރިޔާ' ސްކީމުގެ ދަށުން ބިން ލިބޭ މީހުންގެ ވަގުތީ ލިސްޓު މިދިޔަ ޖޫން ފަހުކޮޅު ވަނީ އާންމުކޮށްފައެވެ.