ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ހަމަލަދޭން ބޭނުންކުރި ޑްރޯނެއް ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެފައިވާއިރު، ޔޫކްރެއިނާއި ކްރައިމިޔާ ގުޅައިދޭ ތިން ބުރިޖުގެ ތެރެއިން "ޗޮންހަރް" ބުރިޖަށް ވެސް ވަރުގަދަ ހަމަލަތަކެއް ދީފިއެވެ. ކްރައިމިޔާއަކީ 2014 ވަނަ އަހަރު ރަޝިޔާގެ ފައުޖުތަކުން އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ. ޗޮންހަރް ބުރިޖަކީ އެ ސަރަޙައްދާއި ޔޫކްރެއިންގެ މައި ފަސްގަނޑާ ގުޅައިދޭ ބުރިޖެކެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރަޝިޔާއިން އަތްގަދަކޮށްފައިވާ ޔޫކްރެއިންގެ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ވަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭންގެ ދަށުން ޔޫކްރެއިނުން ދަނީ ރަޝިޔާގެ ފައުޖުތަކާއި އެ މީހުން ބޭނުންކުރާ އަސްކަރީ އަދި ޢުމްރާނީ ވަސީލަތްތަކަށް ހަމަލަދީ، ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.
ކްރައިމިޔާގައި ހުންނަ ރަޝިޔާގެ އިސް އޮފިޝަލު ބުނީ ކްރައިމިޔާއާއި ޔޫކްރެއިން ގުޅައިދޭ ޗޮންހަރް ބުރިޖުގެ އިތުރުން އެ ސަރަޙައްދުގައި އޮންނަ އެހެން ބުރިޖަކާއި، އެ ސަރަޙައްދުގައި އޮންނަ ހެއިނީޗެސްކް ކިޔާ ރަށެއްގެ މައި މަގުތަކަށް ވެސް ޔޫކްރެއިނުން ވަރުގަދަ މިސައިލް ހަމަލަތަކެއް ދީފައިވާ ކަމުގައެވެ. ހެއިނީޗެސްކަށް ދިން ހަމަލާގައި ޢާންމުންގެ މީހަކު ޒަޚަމުވެފައިވާ ކަމުގައި ވެސް ކްރައިމިޔާގެ އޮފިޝަލް ވިދާޅުވިއެވެ.
ޔޫކްރެއިނުން ވަނީ "ސީ ޑްރޯނެއް" ނުވަތަ ކަނޑުގައި ދުއްވާ ޑްރޯނެއް ބޭނުންކޮށްގެން ރަޝިޔާގެ ތެޔޮ އުފުލާ އާގުބޯޓަކަށް ވެސް ހަމަލަދީފައެވެ. މިއީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔޫކްރެއިނުން މި ފަދަ ހަމަލައެއް ދީފައިވާ ދެވަނަ ފަހަރެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯގައި އޮންނަ ވުނޫކަވާ ވައިގެ ބަނދަރަށް ޑްރޯން ހަމަލައެއް ދޭން ވެސް މަސައްކަތް ކޮށްފައިވެއެވެ. ވައިގެ ބަނދަރަށް ހަމަލަދޭން ބޭނުންކުރި ޑްރޯން މޮސްކޯގެ ދެކުނުގެ ސަރަޙައްދަކަށް ވައްޓައިލާފައިވީ ނަމަވެސް، އެ ހާދިސާއާ ގުޅިގެން ވައިގެ ބަނދަރުގެ ދަތުރުތައް މެދުކަނޑައިލަން ޖެހުނެވެ.
ރަޝިޔާއިން ވެސް ދަނީ ޔޫކްރެއިންގެ ބޮޑެތި ރަށްތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލަތަކެއް ދެމުންނެވެ. ޔޫކްރެއިނުން ބުނީ އެންމެ ފަހުން ރަޝިޔާއިން ދިން ހަމަލަތަކުގައި 70 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ބޭނުންކޮށްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ކްރޫޒް މިސައިލާއި ހައިޕަރސޮނިކް މިސައިލްތަކުގެ އިތުރުން އީރާނުގައި އުފައްދާ "ޝާހިދު" މަރުކާގެ ޑްރޯންތައް ބޭނުންކޮށްފައިވާ ކަމުގައި ވެސް ޔޫކްރެއިނުން ބުނެއެވެ.
އޭގެ ތެރެއިން 10 މިސައިލް ހަމަލައެއް ޢިމާރާތްތަކާއި ގުދަންތަކަށް އަރައި ގެއްލުންތަކެއް ލިބުނު ކަމުގައި ވެސް ޔޫކްރެއިނުން ބުނެއެވެ. އެއް މިސައިލް ހަމަލަ އަރާފައި ވަނީ ބްލެކް ސީ ނުވަތަ ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޔޫކްރެއިންގެ ބަނދަރުމަތީ ރަށަކަށެވެ. އެ ހަމަލާގައި ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފަކު ޒަޚަމުވެފައިވާއިރު، ގޮވާން ރައްކާކުރާ ގުދަންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ޔޫކްރެއިންގެ އިރުމަތީގައިވާ ޚަރްކިވްގެ އިރުން އޮންނަ ރަށެއް ކަމުގައިވާ ކުޕިއަންސްކުގައި ލޭ އެޅުމުގެ ޚިދުމަތްދޭ މަރުކަޒަކަށް ވެސް ރަޝިޔާއިން ވަނީ ވަރުގަދަ ހަމަލަތަކެއް ދީފައެވެ. އެ ހަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އިތުރު ބަޔަކު ޒަޚަމުވި ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެ ހަމަލާގައި މަރުވި މީހުންގެ ޢަދަދު ހާމަކުރައްވާފައެއް ނުވެއެވެ.
ރަޝިޔާގެ ހަމަލަތައް ދިފާޢު ކުރުމާ ބޭނުން ކުރަމުންދާ ވައިގެ ދިފާޢީ ނިޒާމުތަކުގެ ކާމިޔާބީއަށް ވެސް ޒެލެންސްކީ އަލިއަޅުއްވައިލެއްވިއެވެ. ވިދާޅުވީ، އެމެރިކާއިން ފޯރުކޮށްދީފައިވާ "ޕޭޓްރިއަޓް" މަރުކާގެ ދިފާޢީ ނިޒާމާއި، ޖަރުމަނުވިލާތުން ފޮނުވާފައިވާ "އައިރިސް-ޓީ" މަރުކާގެ ނިޒާމު ބޭނުންކޮށްގެން ރަޝިޔާގެ ގިނަ ހަމަލަތައް ކާމިޔާބު ކަމާއެކު ދިފާޢު ކުރެވެމުންދާ ކަމުގައެވެ. ހުސްވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާގެ 65 މިސައިލާއި، 178 ޑްރޯންގެ އިތުރުން "ޝާހިދު" މަރުކާގެ 87 ޑްރޯން ދިފާޢުކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާއިން ގަސްދުގައި ޔޫކްރެއިންގެ ހޮސްޕިޓަލްތަކާއި ޞިއްޙީ ފަރުވާދޭ މަރުކަޒުތަކުގެ އިތުރުން ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ހަމަލަދެމުންދާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. ނަމަވެސް، ރަޝިޔާއިން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.