ސިޔާސީ

ރައްޔިތުންގެ މަޖިލީހުގައި އަޚްލާޤީ މިންގަނޑު ވަރަށް ދަށް- ޒާހިރު


ރައްޔިތުންގެ މަޖިލީހުގައި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ، މެމްބަރުންނަށް ލިބިވަޑައިގަންނަވަން ނުޖެހޭ މިންވަރަށް މިނިވަންކަން ލިބިވަޑައިގަތުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރިން ކުރައްވާފައިވާ އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމަށް ދެއްވީ ޚާއްޞަ ބަސްދީގަތުމެއްގައި ޒާހިރު ވިދާޅުވީ، މިހާރު ރައްޔިތުންގެ މަޖިލީހުގައި އަޚްލާޤީ މިންގަނޑު ވަރަށް ދަށްކަމަށެވެ.

ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ބާރުތަކާއި މިނިވަންކަން ލިބިދީފައިވެއެވެ. ރައްޔިތުން ތަމްސީލްކުރުމަށް ހޮއްވަވާފައި ތިއްބެވި އެމެމްބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާޙައުލެއް އޮންނަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކީވެސް ރައްޔިތުން ތަމްސީލްކުރުމުގެ ފުރިހަމަ ދައުރު ލިބިދޭންޖެހޭ ބޭފުޅެކެވެ. ނަމަވެސް ކުރީގެ ރައްޔިތުންގެ މަޖިލީހާ އަޅާބަލާއިރު އަށާރަވަން ރައްޔިތުންގެ މަޖިލީހުގެ ތަޅުން ފެނިގެންދަނީ ވަރަށްވެސް ހަލަބޮލިކޮށެވެ.

ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސެއްކަމަށްވާ އަޙްމަދު ޒާހިރު ވިދާޅުވީ، އެމަނިކުފާނު މަޖިލީހުގެ ރައީސްކަން ކުރެއްވި ދުވަސްވަރާ އަޅާބަލާއިރި މިހާރު ރައްޔިތުންގެ މަޖިލީހުގައި މިނިވަންކަން އެބައޮތްކަމަށެވެ. މިހާރު ފެންނަމުން މިދާ މިނިވަންކަމުގެ ބާބު ފެށިގެންދިޔައީ އެމަނިކުފާނު މަޖިލީހުގެ ރައީސްއަކަށް ހުންނެވިއިރު ކަމަށް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ކަންކަން އަޙުމަދު ޒާހިރު ސިފަކުރައްވަނީ އަޚްލާޤެއް ނެތް ތަނެއްގެ ގޮތުގައެވެ. ޒާހިރު ވިދާޅުވީ، މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި އަޚްލާޤީ މިންގަނޑު ވަރަށް ދަށްކަމަށެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގައި ކޮންމެ މެމްބަރަކު ބޭނުންފުޅު ވާހަކައެއް ދެއްކެވުމުގެ އިޚްތިޔާރު އޮތުމަކީ ކުރީގެ މަޖިލީހާއި މިހާރުގެ މަޖިލީހާ ހުރި އެންމެ ބޮޑު ތަފާތުތަކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި ތަހްޒީބީ މުޖުތަމަޢުއަކަށް ވުމާއި، މިނިވަންކަން އޮވެ، ޑިމޮކްރަޓިކް ބަޔަކަށް ވުމަކީ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ އަބުރާ ބެހިވަޑައިގަތުން ނޫންކަން ފާހަގަކުރައްވަމުން ޒާހިރު ވިދާޅުވީ، ތިމާއަށް މިނިވަންކަން ލިބުމަކީ އަޚްލާޤީ މިންގަނޑުން ބޭރުވުން ނޫންކަމަށެވެ.

މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ މިނިވަންކަމުގެ ނާޖާއިޒް ފައިދާ އެ މެމްބަރުން ނަންގަވަމުން ގެންދަވާ ކަމަށާއި، މިހެން ދިމާވުމުގެ މައިގަނޑު ސަބަބަކީ އެމަނިކުފާނުގެ ނަޒަރުގައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު އެންމެ ފުރަތަމަ ޖަލްސާގައި ފާސް ނުކުރެއްވުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ލިބިފައިވާ މިނިވަންކަން ބީވެގެން ދިއުމަށް އެއްވެސް މެމްބަރަކު ބޭނުންފުޅު ނުވާކަމަށާއި، މިފަދަ މައްސަލަތައް ކުރީގެ މަޖިލީހުގެ ތަޅުމުން ފެނިގެން ނުދިޔަ ސަބަބު ޒާހިރުގެ ނަޒަރުން ތަފްޞީލްކޮށްދެއްވިއެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލެއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވާ އަޙްމަދު ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ހައިބަތު ބޮޑު ތަނެއް ނަމަވެސް މަޖިލީހުގެ ރައީސްގެ އަތްޕުޅުގައި މުޅި މަޖިލީހުގެ ކޮންޓްރޯލް އޮނަންޖެހޭނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ މާޙައުލެއް ރިޔާސަތުގައި އިންވާ ބޭފުޅަކު ފަހިކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައީސްކަން ކުރައްވާފައިވާ އަޙްމަދު ޒާހިރު ވިދާޅުވިއެވެ.