ސިޔާސީ

މަޚްލޫފް ގޭބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފި


ކުށުގެ ތުޙުމަތުގައިހުރިމީހަކު ފިލުވަން މަސައްކަތްކުރި ކަމުގެ ތުޙުމަތުގައި ފުލުހުން ހައްޔަރުކުރައްވާފައިވާ ރައްޔިތުން މަޖްލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޚްލޫފް 5 ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވައިފިއެވެ.

މަޚްލޫފު ގޭ ބަންދު ކުރުމަށް އަމުރުކުރައްވާފައި ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޞިރު ކުރުމުންނެވެ. 

މަޚްލޫފް ހައްޔަރުކުރެއްވީ އިއްޔެ އިދިކޮޅު އެމްޑީޕީން  ބޭއްވި  މުޒާހަރާ ނިންމާލުމަށް ފަހު ހިންގި ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. މަޚްލޫފް ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރުމުން އޭނާ ޖަލާލުއްދީން މިސްކިތަށް އަރައި ފިލަން މަސައްކަތްކޮށްފައިވާކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް މަޚްލޫފް ގެންގޮސްފައިވަނީ މިސްކިތުން ނެރުމަށްފަހުއެވެ.

އެމްޑީޕީން އިއްޔެ މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުން ނިންމާލިފަހުން ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިންގާފައިވެއެވެ.