ޚަބަރު

ރިޔާސީ އިންތިޚާބު: ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 10:00 ޖެހުމާއި ހަމައަށް


  • ފުރުސަތު ހުޅުވާލާފައި އޮތީ މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށް

  • ގިނަ ބަޔަކު ފޯމް ހުށަހަޅަން ކިޔޫ ހަދާފައި

  • މިހާތަނަށް 30000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވޭ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުންވާ ރީ-ރެޖިސްޓާރވުމުގެ ފުރުސަތު މިރޭ 10:00 ޖެހުމާއި ހަމައަށް އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުންވާ ފަރާތްތަކުން ރެޖިސްޓާރވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުންވާ ފަރާތްތަކުން ރެޖިސްޓާރވުމުގެ ފުރުސަތު މިރޭ 10:00 ޖެހުމާއި ހަމައަށް އިތުރުކޮށްފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން އެ ފުރުސަތު އިތުރުކޮށްދީފައި މިވަނީ ގިނަ އަދަދެއްގެ ބަޔަކު ރީރަޖިސްޓްރީވުމަށް ފޯމް ހުށަހަޅަމުންދާ ދަނޑިވަޅެއްގައެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް މީގެކުރިން ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު، އިލެކްޝަންސް ކޮމިޝަނުން، ދެން އިތުރު ނުކުރައްވާނެކަމަށެވެ.

ރީ-ރަޖިސްޓްރޭޝަނަށް، އިތުރު މުއްދަތު ދެވެންނެތީ، އިންތިޚާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް، ބުރޫއަރާނެތީ ކަމަށާއި، މިހާރު ރަޖިސްޓްރީކޮށްފައިވާ ތަނުގައި، ވޯޓުފޮށްޓެއް ނުބެހެއްޓޭ ޙާލަތުގައި، އެފަދަ ފަރާތްތަކަށް ދެވަނަ ފުރުސަތެއް، ލިބޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އެގޮތަށް ދިމާވާނީ، ރާއްޖޭން ބޭރާއި ރިސޯޓްތަކަށް ރީ-ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

އެންމެފަހުން އިލެކްޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރީ-ރަޖިސްޓްރީވުމަށް ޖުމްލަ 30000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކަރުދާސް ފޯމުގައި އިލެކްޝަނަށް އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލް އިދާރާތަކަށާއި، ރިސޯޓްތަކާއި، މާލޭގެ ކައުންޓަރުތަކަށް ލިބުނު ފޯމުތައްވެސް ހިމެނެއެވެ.

އޮންލައިންކޮށް ރީ-ރެޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތު ބުދަ ދުވަހުގެ ރޭ 12:00 ޖެހުމާއި ހަމައަށް ހަމަވިއިރު އިލެކްޝަނަށް ޖުމްލަ 22882 ފޯމު ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން އިލެކްޝަނުން ރަޖިސްޓްރީ ކުރައްވާފައިވަނީ 18088 ފޯމެވެ. އަދި އެކި ސަބަބުތަކާހުރެ 4794 ފޯމެއް ވަނީ ރިޖެކްޓްކޮށްލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ކުރީގެ އިންތިހާބުތަކުގައި މާލޭގައި ވޯޓުލާފައިވާނަމަ އަލުން ރަޖިސްޓްރީކުރަން ނުޖެހޭނެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ޢަދަދާއި ތަންތަން ކަށަވަރު ވާނީ ރީ-ރެޖިސްޓްރޭޝަން މަރުހަލާއަށް ފަހުގައެވެ. ޚާއްސަކޮށް ރިސޯޓްތަކާއި، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތަށް ކަށަވަރު ވާނީ، އެ ޢަދަދުތަކަށް ރީ-ރެޖިސްޓްރޭޝަން ލިބުމުންނެވެ. މިހާތަނަށް ރާއްޖެއިން ބޭރުގެ 4 ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ކެނޑިޑޭޓުން ކުރިމަތިލުމުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވާއިރު، ކެނޑިޑޭޓު ނަންބަރު ތަރުތީބު ކުރުން އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282395 މީޙަކަށް ލިބިފައިވެއެވެ.