ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފިއެވެ.
އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިން މޭޓަކަށް މެމްބަރު އަސްލަމް ހަމަޖައްސަވާފައިވާކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމްއަކީ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން، އެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރެވެ. މީގެއިތުރުން އޭނާއަކީ އެ ޕާޓީ އުފެދުނީއްސުރެ ޕާޓީގެ ހަރަކާތްތަކުގައި އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުންދާ މެމްބަރެކެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ރަނިން މޭޓް އިއުލާންކޮށްފައި ނުވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަންޏެވެ. އެމްޑީޕީ، ޕީޕީއެމް، އެމްއެންޕީ އަދި ޕީއެންސީން މިހާރު ވަނީ ކެނޑިޑޭޓުންނާއި ރަނިންމޭޓުން ކަނޑައަޅާފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މިދިޔަމަހުގެ 23 ވަނަ ދުވަހު ހުޅުވާލި ފުރުސަތު އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ. އިންތިހާބުގައި ވާދަކުރާނެކަން ގިނަ ބޭފުޅުންތަކެއް އިއުލާންކުރެއްވިނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅުން އަދިވެސް ޔަގީނެއް ނޫނެވެ.